ބ. ފެހެންދުއަށް ބޭނުންވާ ޓީޗަރުން ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ސަރުކާރު ތައްޔާރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފެހެންދޫގައި ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުން ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، އެ ރަށަށް ޓީޗަރުން ހޯއްދަވައިދެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.
ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެހެންދޫގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ފެހެންދޫގައި ގިނަ މަސައްކަތްތަކެއް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށާއި އެގޮތުން ތައުލީމީ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި ރަށުގައި ގާއިމުވެ ހުންނާނެ ޓީޗަރުން ލިބޭތޯ ވަރަށް މަސައްކަތްކުރަމުން އެބަދޭ. އެކަމުގައި ރަށުގެ ރައްޔިތުންނަށް އަދި ސްކޫލަށް ކޮށްދެވޭނެ ކަމެއްވާ ނަމަ، ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ކަމެއް އެންމެ އިސްކަމެއްދީގެން ކޮށްދީ، މި ރަށުގައި ގްރޭޑް 6 އިން މަތީގެ ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންވާ ޓީޗަރުން ހޯދުމުގައި ހާއްސަ އިސްތިސްނާއެއްގެ ގޮތުގައި އިސްކަންދީގެން އެކަން ފަހިކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އޮތީ ފުރިހަމަ އެއްބާރުލުންދީގެން ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ކަމަށާއި ބޭނުންވަނީ އެކަމުގައި ޝައުގުވެރިކަން ފާޅުކޮށްގެން ފެހެންދޫގައި ގާއިމުވެ ތިބުމަށް ބޭނުންވާނެ ޓީޗަރުން ހޯދަން ކަމަށެވެ.
"ޓީޗަރެއް ނެތިއްޔާ، ޓީޗާ ޓްރެއިނިން ދީގެން ވެސް އަޅުގަނޑުމެން ރަށުގެ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ ފެންވަރަށް ޓްރެއިނިން ދޭން ވެސް މިތިބީ ތައްޔާރަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފެހެންދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތާއި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު