ބ. ގޮއިދޫ ފަޅު ތެރޭގައި ރިސޯޓު ހެދުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން މިއަދު ގޮއިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެ ރަށަށް ވަޑައިގެން 12 ވައުދެއް ވެވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ބައެއް ވައުދުތައް ފުއްދުމުގެ މަސައްކަތް ފަށައިފައިވާ އިރު، ދެން ހުރި ކަންކަން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އެ މަނިކުފާނު ރަށްރަށަށް ވަޑައިގަތުމުގެ ހަގީގީ ބޭނުމަކީ ރައްޔިތުންނަށް އެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވައުދުވެފަ އޮންނާނެ ފަޅުތެރެއިން ރިސޯޓެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކުރުން. އެކަން އަޅުގަނޑުމެން އިއުލާނުކޮށް ބަޔަކު ހޯދައި މިހާރު ބިޑް އެވޯޑުކޮށްފައި ވާނީ. ދެން މިމަސް ނިމުމުގެ ކުރީގަ އެ ރިސޯޓު ތަރައްގީކުރުމަށް ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޮއީދޫގައި އީކޯ ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

އަދި ބަނދަރު ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ބަޔަކާ ހަވާލުކޮށް މިއަހަރުގެ ތެރޭގައި މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ގޮއިދޫގެ ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށާއި ސްކޫލުގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އެ އަހަރުގެ ކުރީކޮޅު އެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ އިންޖީނު ގޭގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ޖާގަ އިތުރުކޮށް، އިތުރު ކޭބަލް އެޅުމަށާއި އެއްކޮށް ވަށާޖެހޭ މަޝްރޫއެއް ކުރިއަށް ގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހެލްތު ސެންޓަރުގެ ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު ކުރަމުންދަނީ ހެލްތު ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްކަމަށް ރައީސް ވިދާޅުވިއެވެ.

ފުޓްބޯޅަ ދަނޑުގެ މަސައްކަތް ދެތިން މަހެއްގައި ތެރޭގަައި ފެށިގެންދާނެ ކަމަށާއި ޔޫތް ސެންޓަރު ނުވަތަ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ސަރުކާރު ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރަށަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ގޯތީގެ މައްސަލަ ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ގޯތިދެވޭ އެންމެ ގިނައަކުން ގޯތި ދިނުމަށް ހުއްދަ ދީފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫޒް ޕްލޭން ރިވައިޒްކޮށް އަލުން ގޯތި ދޫކުރުމުގެ ހުއްދަ ހުށަހަޅައިފިނަމަ، ސަރުކާރުން އެކަން ބެލުމަށްފަހު ހުއްދަދޭނެކަމަށް ރައީސް ވިދާޅުވިއެވެ.