މަގާމުން ވަކިވުމަށްފަހު ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ސިއްރު ހިފަހައްޓަން ޖެހޭގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލު ފޮނުއްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 65 މެންބަރުންގެ ރުހުމާއެކުގަ އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ 4 މެންބަރަކު ވޯޓު ދެއްވި އެވެ.

އެ ބިލު ހުށަހަޅުއްވާ ބޭނުމެއްގެ ގޮތުގައި ފަޒާދު ވިދާޅުވެފައިވަނީ، ގާނޫނުގައި ބަޔާންކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްތުތައް މުރާޖައާކުރުމަށާއި، ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން ވަޒީފާ އަދާކުރުމުގެ ހަމަތައް ގާނޫނުގައި ބަޔާންކުރުމަށް، އަދި އެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ބެހޭ ބައެއް އުސޫލުތައް އިސްލާހުކުރުމަށްޓަކައި ކަމަށެވެ.

ފަޒާދު ހުށަހަޅުއްވާ ބިލުގައި އިސްލާހުގެ ގޮތުގައި ބޮޑަށް ހިމަނާފައިވަނީ ބައެއް މާއްދާތައް އިތުރަށް ތަފްސީލުކުރުމަށެވެ. އެ ބިލުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާ ގުޅޭ މާއްދާއެއް އިތުރުކުރުމަށް ގެންނަން ހުށަހަޅާ އިސްލާހެވެ.

އެ މާއްދާގައި ބުނެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެ މީހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ވާނީ، ބަންޑާރަ ނައިބު ދޭ އިރުޝާދުގެ ދަށުން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތް ވާ ގޮތުގެ މަތީން، އަދި ގާނޫނުގެ ވެރިކަން ނަގަހައްޓައި ހިމާޔަތްކޮށް ކުރިއެރުވުމަށް އިސްކަންދީގެން ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ މަސްލަހަތުގެ ފުށުއެރުމުން އެއްކިބާވާންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ވަކީލުން ހިފަހައްޓަން ޖެހޭ އަސާސީ ސުލޫކީ ހަމަތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އެއީ؛

  • އެއްވެސް ފަރާތަކަށް ޖެހިލުންވުމެއްނެތި، ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއްނެތި، ތައައްސުބުން އެއްކިބާވެ ހުރެ މުސްތަގިއްލުކަމާއެކު ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތަށް ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތްތައް ކުރުމާއި، ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ނިންމަން ޖެހޭ ނިންމުންތައް ނިންމުން
  • ހަމަހަމަކަމާއި ހާމަކަމާއި އަދި ޖަވާބުދާރީވުމުގެ މައްޗަށް މަސައްކަތުގެ އަސާސް ބިނާކުރުން
  • އެއްވެސް މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ޖިސްމާނީ، ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމަށް، ނުވަތަ އެ މީހެއްގެ ސިޔާސީ، ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންރަށަށް، ނުވަތަ ވާހަކަދައްކާ ބަހަށާއި އިޖުތިމާއީ ދަރަޖަ ނުވަތަ މަގާމަށް ބަލައި ތަފާތުނުކުރުން
  • މަގާމުގެ ހައިސިއްޔަތުން އެމީހަކަށް ލިބިފައިވާ މައުލޫމާތެއް އެމީހެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ފިޔަވައި، އެހެން ގޮތަކަށް ހާމަނުކުރުންމަގާމުގައި ދެމިހުންނައިރު އަދި މަގާމުން ވަކިވުމަށްފަހުގައިވެސް، އެމީހެއްގެ މަގާމު އަދާކުރުމުގައި އެމީހަކަށް ލިބިފައިވާ މައުލޫމާތުތަކާއި ބަންޑާރަނައިބުގެ އޮފީހުގެ މަސައްކަތަކާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ސިއްރުގެ ގޮތުގައި ހިފެހެއްޓުން
  • މަސައްކަތުގެ ވަގުތުގައާއި، ބަންޑާރަަނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން ކުރާ ހުރިހާ ކަމެއްގައިވެސް، މުޖުތަމައު ގަބޫލުކުރާ ފެންވަރުގައި އަހުލާގާއި އަބުރުގެ ރައްކާތެރިކަން ދެމެހެއްޓުން

ބިލުގައި ބުނެފައިވަނީ އެ އަސާސީ ހަމަތަކުގެ އިތުރުން، ދައުލަތް ތަމްސީލުކުރުމުގެ ގޮތުން ބަންޑާ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުން އަދާކުރަން ޖެހޭ ޒިންމާތަކާ ގުޅިގެން އެމީހުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑުތަކާއި ޖަވާބުދާރީވުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް، އެ ގާނޫނުގެ ދަށުން ބަންޑާރަ ނައިބު ކަނޑައަޅަންވާނެ ކަމަށެވެ.

އެ ބިލުގައި އިތުރަށް ފާހަގަވާ ކަންތައްތަކަށް ބަލައިލާ އިރު، ދެން ފާހަަގަކޮށްލެވެނީ ގާނޫނުން އެއް މާއްދާއެއްގެ އަކުރެއް އުނިކުރުމާއި އިތުރު މާއްދާއެއް އެއްކޮށް އުނިކުރުމަށް ހުށަހެޅި އިސްލާހެވެ. އޭގެ ތެރެއިން އެއް މާއްދާއަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ހިމެނޭ މާއްދާގެ (ފ) އުނިކުރުމެވެ. އެއީ ދައުލަތުގެ ދެ އިދާރާއެއްގެ ދެމެދުގައި އުފެދޭ ހުޞޫމާތްތަކަށް ގާނޫނީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޞޫމާތް އުފެދިފައިވާ މައްސަލައާ މެދު ގާނޫނީގޮތުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނާ އަކުރެވެ.

އެއްކޮށް އުނިކުރަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 26 ވަނަ މާއްދާއެވެ. އެއީ ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭ މާއްދާއެވެ. އެ މާއްދާގައި މިހާރު އޮންނަގޮތުން ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފަކު އުމުރުން 65 އަހަރުވުމުން ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔާމަންޓް ގަވާއިދުގައި ބަޔާންކުރާ ހިދުމަތުން މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅި ކުރެވޭނެއެވެ.

އޭގެ އިތުރުން 55 އަހަރުވުމުން އަމިއްލައަށް ހިދުމަތުން މުސްކުޅިކުރެވިދާނެ ކަމަށާއި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރާ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތާއެކު ވަޒީފާއިން މުސްކުޅިކުރެވިދާނެ ކަމަށް ވެސް މިހާރު ގާނޫނުގައި އޮންނަ އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ދާދިފަހުން ވެސް ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ. އެއީ ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ކަނޑައަަޅައި ގެނައި އިސްލާހެވެ. އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ މެއި މަހުގެ 29 ގައެވެ.