ހައްޖަށް ދާން ފައިސާ ދައްކާ މީހުންގެ ތެރެއިން ހައްޖުގެ ޖާގަ ލިބޭ މީހުން އެނގޭ ގޮތަށް ލިސްޓް އާންމުކުރަމުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަނީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ހައްޖުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތްކުރަމުން އެބަދަމު ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓު އާންމުކުރެވޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމު ކުރުމަށް." ޝަހީމް ވިދާޅުވި އެވެ.

ހައްޖު ކިޔު ލިސްޓު ފަޅާލައި ވަކި ބަޔަކަށް ފުރުސަތު ދޭ ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތަކާއި ހައްޖު ކޯޓާއިން ވައްކަން ކުރާކަމަށް ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޝަހީމު ވިދާޅުވި އެވެ.

"ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއް ނޫން. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ. މިގޮތުން ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭ،"

މިނިސްޓަރު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދައުލަތުން ރިޒާވް ކުރާ ކޯޓާތަކެއް ހުންނަ ކަމަށެވެ. އެއީ ސަރުކާރުގެ މުއައްސަސާތަކުގެ ބޭނުމަށާއި، އުޒުރުވެރިންނާއި ހާއްސަ ހާލަތްތައް ދިމާވާ ފަރާތްތަކުގެ ބޭނުމަށް ކަމަށެވެ. ނުވަތަ ބަލި މީހުންގެ އެހީތެރިންނަށް އެކޯޓާތައް ބޭނުންކުރާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރިޒާވްކުރާ ކޯޓާ އެފަރާތަށް ހަވާލުކުރަނީ އޮންނަ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ނުހައްގުން އެއްވެސް މީހަކަށް ހައްޖު ކޯޓާ ނުދޭ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.