ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރު މިމަހު 21 އަށް ދަންމާލަން ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މި މަހުގެ 15 އަށް މި ދައުރު ނިމޭނެއެވެ. މަޖިލީހުގެ މި ދައުރުު ދަންމާލަން ނިންމީ ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ދައުރު އިތުރުކުރުމާ މެދު ވޯޓަށް އެހުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި އޮންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން، މަޖިލީހުގެ ދައުރު ބެހިގެން ވަނީ ތިން ބަޔަކަށެވެ. އެއީ:

  • ފުރަތަމަ ދައުރު - 1 ފެބްރުއަރީން 15 މޭގެ ނިޔަލަށް
  • ދެވަނަ ދައުރު - 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް
  • ތިން ވަނަ ދައުރު - 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށް

ކޮންމެ ދައުރެއްގެ ވެސް ފުރަތަމަ ޖަލްސާ ބާއްވާނީ، އެ ދައުރެއް ފެށޭ ތާރީހާ ވިދިގެން އަންނަ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުރާސްފަތި ދުވަހު އެވެ. އެ ދައުރު ނިމޭ ޖަލްސާ ބާއްވާނީ، އެ ދައުރުގެ ތެރޭގައި އަންނަ އެންމެ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުއެވެ.