ސަރުކާރު ބަދަލުވުން ލަސްވި ނަމަ، މި ގައުމު ހަލާކުވެގެން ދިޔައީސް ކަމަށް އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ބ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޭދަފުށީގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ހުރި ކުންފުނިތައް އަދި ދިވެހި ދައުލަތް ވެސް އޮތީ އެތައް ބިލިއަނަކުން ދަރާފައި ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ އެންމެ މާތް މަގުސަދަކަށް މިވަނީ މި ގައުމު އެންމެ ފުރަތަމަ ސަލާމަތްކުރުން. އަޅުގަނޑުމެން މިއަށްވުރެ ލަސްވި ނަމަ، މި ގައުމު ހަލާކުވެގެން ދިޔައީސް. ގައުމުގެ ހަމައެކަނި އިގުތިސާދީ ހާލަތެއް ނޫން، އިޖުތިމާއީ ހާލަތެއް ނޫން، ހުރިހާ ހާލަތެއް ވެސް އޮތީ ގޯސްވެފައި. މިއަށްވުރެ ލަސްވި ނަމަ، އަޅުގަނޑުމެންނަށް ގައުމު އަތުނުވާ ހިސާބަށް ދިޔައީސް،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ސަރުކާރާ ހަވާލުވި އިރުގައި، ރާއްޖޭގެ ދަރަނި އޮތީ ނުބައްދަލު ހިސާބަށް މައްޗަށް ގޮސްފައި ކަމަށާއި ދައުލަތުގެ 20 ބިލިއަން ރުފިޔާ ލޯނު ދައްކާފައި، މުސާރައަށް 14 ބިލިއަން ހަރަދުކުރީމާ ދައުލަތުގެ އާމްދަނީ އެއްކޮށް ހުސްވާ ކަމަށެވެ. އަދި އޮފީސްތައް ހިންގުމާއި އިޖުތިމާއީ ކަންކަން އަދި ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް އިތުރަށް ފައިސާ ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ހާލަތު އޮތް ގައުމެއްގައި އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. އެހެންވީމާ މިއީ ރައްޔިތުން ދެނެގަންނަން ޖެހޭނެ ކަމެއް. މި ހާލަތުގައި ވެސް އެ މަނިކުފާނު އެއްވެސް ޖެހިލުމެއްނެތި އެ ގެންދަވަނީ މަސައްކަތްޕުޅައިގެން ކުރިއަށް. އިރާދަކުރެއްވިއްޔާ މަސައްކަތްތައް އެބަދޭ،" އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ މަސައްކަތްތައް ދާންޖެހޭ އެންމެ ބާރުމިނުގައި ނުދާ ކަމަށް ބައެއް މީހުން ބުނެފާނެ ކަމަށާއި ނަމަވެސް ގައުމު އޮތީ އެންމެ ބާރުމިނުގައި މަސައްކަތްތައް ކުރިއަށްގެންދެވޭނެ ހާލަތުގައި ނޫންކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.