އޮސްްޓްރޭލިއާ އިން އަންނަ މަހު ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމައިފިއެވެ.

އޮސްޓްރޭލިއާއިން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އޮންނަ އދ. ގެ ޖެނަރަލް އެސެމްބްލީގައި ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވިދާޅުވެފައިވާގޮތުގައި، ފަލަސްތީނުގެ ދައުލަތުން ވަނީ އޮސްޓްރޭލިއާ އިން އެދުނު ކަންކަން ފުރިހަމަކުރުމަށް ނިންމައިފައެވެ. އެކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޮސްޓްރޭލިއާއިން އެދިފައިވާ ކަންކަމުގެ ތެރޭގައި ފަލަސްތީނުގެ ދައުލަތުން އެ ގައުމުގައި އާންމު އިންތިހާބެއް ބޭއްވުން ހިމެނެއެވެ.

ބޮޑުވަޒީރު އެންތޮނީ އަލްބަނީސް ވަނީ މެދުއިރުމައްޗަށް އޮތް ހައްލަކީ ދެ ދައުލަތެއް އުފަންކުރުން ކަމަށާއި މެދުއިރުމަތި އަމާން ވާނީ އެގޮތައށް އަމަލުކޮށްގެން ކަމަށް ފާހަގަކުރައްވައިފައެވެ.

އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ޖަރީމާތަކާ ދެކޮޅަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ތެދުވެފައިވާއިރު ފަލަސްތީނު ދައުލަތް ގަބޫލުކުރުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ޔޫކޭއާއި ފްރާންސުގެ އިތުރުން ކެނެޑާވެސް ހިމެނެއެވެ.