ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަން ކުރުން ހުއްޓުވުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ހުކުމް ކޮށްފިއެވެ.
ނަމަވެސް އެ މައްސަލައިގައި ހުކުމްކޮށްފައި މިވަނީ ޝަހީދުގެ ނަން އަނބުރާ ގެންގޮސް، ޝަހީދުއާ އެކު ހައިކޯޓުގެ ފަޑިޔާރުކަމަށް ހުށަހެޅި އަބްދުﷲ ޖަމީލު މޫސާ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައި ވަނިކޮށެވެ.
މިމަހު ތިންވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެެއް ކަމަށްވާ އަހްމަދު ނައުޝާދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް މި މައްސަލަ ކޯޓަށް ހުށަހެޅީ، ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ލ. މާވަށް ނަލަމަލަ، އަބްދުﷲ ޖަމީލް މޫސާ އާއިއެކު ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު އައްޔަންކުރަން ޖޭއެސްސީން ނިންމިކަން މިދިޔަ ޖުލައި މަހުގެ 31 ގައި ހާމަކުރުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި އޭނާ ވިދާޅުވެފައިވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ހަމަވާ މީހެއް ނޫން ކަމަށާއި އެހެންވެ ޝަހީދު އައްޔަން ކުރުން މަޑުޖައްސާލަން ކޯޓު އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ޝަހީދު އައްޔަންކުރާ ރަސްމިއްޔާތު މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ބާއްވަން ޖޭއެސްސީން ނިންމާފައި ވަނިކޮށް އޭނާގެ ނަން އަނބުރާ ގެންދަވަން ހުށަހެޅުއްވިއެވެ.
ފަނޑިޔާރުގެ މަގާމަށް ޝަހީދު ހޮވުނި އިރު، އޭނާ ވަނީ މީގެ ކުރިން ސިޔާސީ އެކިއެކި މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. ޝަހީދު ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.
ޝަހީދަކީ ހަނީ ވެލްޑްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 2018 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހުން ފެށިގެން 2023ގެ ޑިސެންބަރު 23 ވަނަ ދުވަހާ ހަމައަށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް އޮނަރސް ހާސިލް ކުރައްވައިފައެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވުމުގެ ކުރިން މުހައްމަދު ޝަހީދު ހުންނެވީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައެވެ.
ޝަހީދު ފަނޑިޔާރުކަމަށް އައްޔަންކުރުން ހުއްްޓުވުމަށް ނެރެދިނުމަށް އެދުނު އަމުރުގައި ބުނެފައިވަނީ އެ އަމުރުގައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކަމާ ބެހޭ މައްސަލަ ކޯޓަށް ހުށަހަޅަން އަންގައި، އޭނާ ފަޑިޔާރުކަމަށް އައްޔަން ކުރުމާ ގުޅޭގޮތުން އެއްވެސް ކަމެއް ނުކުރުމަށް ޖޭއެސްސީގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
މި މައްސަލައިގައި އިއްޔެ ސިވިލްކޯޓުން ނިންމި ނިންމުމުގައި ވަނީ، ޖޭއެސްސީއާ މަތިކޮށްފައިވާ އެ ކޮމިޝަންގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރޭގައި، އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފިޔަވައި އެހެން ފަޑިޔާރުން އައްޔަން ކުރުމާއި މަގާމުގެ ކުރިއެރުން ދިނުން ހިމެނޭ ކަމަށެވެ.
ކަނޑައެޅިގެން ގާނޫނީ އިމުން ބޭރުން އަދި އެކަށައަޅާފައިވާ އިޖުރާއަތާ ހިލާފަށް ކަމެއް ކުރާކަމުގެ ސާބިތު ހެއްކާ އެކު ނޫނީ ގާނޫނުއަސާސީން ބާރު ލިބިގެން، މެންޑޭޓް ކަނޑައެޅިފައިވާ މުއައްސަސާތަކުގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެެރެއަށް ކޯޓުތަކުން ވަނުމަކީ ގާނޫނުއަސާސީ ތަސައްވުރު ކޮށްފައި އޮތް ގޮތެއް ނޫން ކަމަށާއި އަދި އެއީ ދުސްތޫރީ ދައުލަތެއްގައި ގަބޫލު ކުރެވޭނެ އުސޫލެއް ވެސް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.
ޖޭއެސްސީގެ މައްޗަށް ނެރެދިނުމަށް ނައުޝާދުގެ ފަރާތުން އެދިފައިވާ އަމުރު ނެެރެދިނުމަށް އެދިފައި ވަނީ ކަނޑައެޅިގެން ޖޭއެސްސީން ގާނޫނީ އިމުން ބޭރުން އަދި އެކަށައެޅިފައިވާ އިޖުރާއަތާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން އެނގޭނެ ރަސްމީ ލިޔެކިއުމަކާ ނުލައި ކަމަށްވާތީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ޖޭއެެސްސީގެ ގާނޫނީ މަސްއޫލިއްޔަތުގެ ތެރެއިން ކުރަމުންދިޔަ ކަމެއް ހުއްޓުވުމަށް އަމުރެއް ނެރެންޖެހޭ ފަދަ ހާލަތެއް އޮތް ކަމުގައި ބެލެވިދާނެ ހަމައެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
އަދި ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށް މިމަހުގެ ތިން ވަނަ ދުވަހު މަގާމާ ހަވާލުވުމަށް އުޒުރުވެރިވާ ކަމަށާއި އެފަރާތުގެ އެޕްލިކޭޝަން ބާތިލްކޮށް ނަން އަނބުރާ ގެނައުމަށް އެދި ޝަހީދުގެ ފަރާތުން ޖޭއެސްސީއަށް ސިޓީ ފޮނުވާފައިވާތީ، ޖޭއެސްސީގެ މައްޗަށް ރައްދުވާގޮތަށް ނައުޝާދުގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ މެދު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މި މައްސަލައިގައި ވަނީ ހުކުމް ކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު