"ދި އިންޓާން" ފިލްމުގެ ހިންދީ ރިމޭކްގައި އެކްޓް ނުކުރަން ދީޕިކާ ޕަޑުކޯން ނިންމައިފިއެވެ. ނަމަވެސް އޭނާ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ފިލްމުގައި އެން ހެތަވޭ ކުޅުނު ރޯލު ދީޕިކާ ކުޅެން ހަމަޖެހިފައި އޮތްއިރު، ރޮބާޓް ޑިނިރޯ ކުޅުނު ރޯލަށް ފުރަތަމަ ރިޝީ ކަޕޫރު ހަމަޖެއްސި ނަމަވެސް، އޭނާ މަރުވުމުން މިހާރު ވަނީ އަމީތާބް ބައްޗަން ހަމަޖައްސާފައެވެ.

ދީޕިކާ ބޭނުންވަނީ ކްރިއޭޓަރެއްގެ ގޮތުގައި އޭނާގެ ކެރިއަރު ފުޅާކުރާން ކަމަށް ހަބަރުތައް ބުނެއެވެ. "ދި އިންޓާން" އަކީ އޭނާ ކުރިއަށް އޮތް އަހަރު ޕްރޮޑިއުސް ކުރަން ނިންމާފައިވާ ފަސް ޕްރޮޖެކްޓްގެ ތެރެއިން ފުރަތަމަ ޕްރޮޖެކްޓެވެ.

"ދި އިންޓާން" އަކީ އުމުރުން 70 އަހަރުގެ ބެން ވިޓަކަރ (ޑިނިރޯ) އޭނާގެ ކުންފުންޏަށް އިންޓާންއެއްގެ ގޮތުގައި ނަގާ ޖޫލްސް އޮސްޓިން (އެން ހެތަވޭ) އާއި ދެމެދު ދިމާވާ ކަންތައްތަކުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ބެންގެ މަޑުމައިތިރި ކަމާއި، ތެދުވެރިކަމާއި، ހިކުމަތްތެރިކަމުގެ ސަބަބުން އޭނާ ޓީމުގެ މެދުގައި މަގުބޫލުވެ، ޖޫލްސްގެ އެހީތެރިއަކަށް ވެގެންދާ ވާހަކަ އެވެ.

ދީޕިކާ އެންމެ ފަހުން ފެނުނީ "ފައިޓަރ"، "ސިންގަމް އަގެއިން" އަދި "ކަލްކީ 2898 އޭ.ޑީ" އިންނެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހުރުކް ޚާންއާ އެކު "ކިންގް" އަދި "ކަލްކީ 2898 އޭ.ޑީ" ގެ ސީކުއެލް ހިމެނެއެވެ.