މާލޭ ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހުޅުމާލޭގައި ދުވާލަކު 10،000 ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ މަސައްކަތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ އެ މަސައްކަތަކީ އެމްޑަބްލިޔުއެސްސީން މާލޭ ސަރަހައްދުގެ ފެނުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ.
ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި، އެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީއަށް 29 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ ދިހަ މުވައްޒަފެކެވެ.
އޭގެ އިތުރުން މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދާއި އެ ކުންފުނީގެ ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އަދި ބޯޑު މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތް މިއަދު ފެށި އިމާރާތުގެ މަސައްކަތް ނިންމުމަށް އަމާޒުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އެ އިމާރާތުގެ މަސައްކަތް ނިމުމާއެކު، ދުވާލަކު 5000 ޓަނުގެ ފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް އެ އިމާރާތުގައި ބެހެއްޓުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަލްޔުއެސްސީން ބުނީ މިރޭ އަމަލީ މަސައްކަތް ފެށި އާރްއޯ ފެސިލިޓީ އަކީ މާލެ އާއި ހުޅުމާލޭގެ ފެނުގެ ހިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި އެ ކުންފުނީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ހިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ފާތިމަތު ލިއުޝާ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ