ޒަކާތާ ގުޅޭ ގާނޫނެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ޒަކާތުގެ ބިލު ހުށަހަޅުއްވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދެވެ.

ވަހީދު އެ ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެ މަތީން، ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގައި ބެލެހެއްޓުމަށްޓަކައި ޒަކާތުގެ ނިޒާމުގެ ގާނޫނީ އޮނިގަނޑު ކަނޑައަޅައި، އެ ނިޒާމު ހިންގުމާ ބެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

އެ ބިލުގައި ވަނީ، ރާއްޖޭގައި ވަޒަންވެރިފައިވާ ކޮންމެ ފަރާތަކުގެ އިތުރުން އެ ފަރާތަކީ ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތެއް ކަމުގައިނުވި ނަމަވެސް، ރާއްޖޭގައި އެ ފަރާތެއްގެ މުދާ ހުރި ކޮންމެ ފަރާތެއްގެ މުދާ ހުރި ކޮންމެ ފަރާތަކަށް ވެސް އެ ގާނޫނު ހިނގާނެ ކަމަށެވެ.

އެ ގާނޫނުގެ ދަށުން ނެގުމަށް ހަމަޖެހިފައިވަނީ މުދަލު ޒަކާތާއި ފިތުރު ޒަކާތެވެ. އަދި އެ ޒަކާތުގެ ބާވަތްތައް ދައްކާ ފަރާތްތަކުގެ ޝަރުތުތަކާއި ބަލައިގަނެވޭނެ ތަކެއްޗާއި ޒަކާތުގެ މިންވަރާއި މުއްދަތު ކަނޑައެޅުމާއި މުދަލު ޒަކާތް ދެއްކުން ލާޒިމު މުދަލާއި އިސްތިސްނާވާ މުދާ ނިސާބު ކަނޑައެޅުމާ ގުޅޭ މާއްދާތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން، ޒަކާތު ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށާއި އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި، އެ ގާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލުގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ޖެހެއެވެ. އެ ކައުންސިލު ހިމެނިގެންވަނީ ނުވަ މެންބަރުންގެ މައްޗަށެވެ. އެ މެންބަރުންގެ ތެރޭގައި ހިމެނެނީ؛

  • އިސްލާމިކް މިނިސްޓަރު
  • ޑިރެކްޓަރު ޖެނެރަލް
  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މުވައްޒަފުންގެ ތެރެއިން އެ އޮތޯރިޓީން ކަނޑައަޅާ މެންބަރެއް
  • ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ އިސް މުވައްޒަފުންގެ ތެރެއިން އެ މަރުކަޒުން ކަނޑައަޅާ މެންބަރެއް
  • ފިނޭންސް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއް
  • އިސްލާމިކް މިނިސްޓްރީގެ އިސް މުވައްޒަފުންގެ ތެރެއިން އެ މިނިސްޓްރީން ކަނޑައަޅާ މެންބަރެއް
  • ސަރުކާރުގެ އިދާރާއެއްގައި މަސައްކަތްކުރާ ފަރާތެއް ކަމުގައިނުވާ ޒަކާތުގެ މާހިރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުން

ބިލުގައި ބުނެފައިވަނީ، އެ ކައުންސިލުގެ ރިޔާސަތު ބަލައްޓަވާނީ މިނިސްޓަރު ކަމަށާއި މިނިސްޓަރާއި ޑިރެކްޓަރު ޖެނެރަލް ފިޔަވައި، އެ ކައުންސިލުގައި ދެން ހިމެނޭ މެންބަރުންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ. އެ މެންބަރުންގެ ޝަރުތުތައް ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެއެވެ. އިސްލާމިކް މިނިސްޓްރީގެ ދަށުން އުފެދޭ އެ އިދާރާގެ އުފެދުމާއެކު، މިހާރު ހިންގަމުންދާ ޒަކާތު ހައުސްގެ އެންމެހާ ވާޖިބުތަކާއި، އެ އިދާރާގެ މުދަލާއި ވަސީލަތްތަކާއި ސަރުކާރުގެ ބަޖެޓުން އެ އިދާރާއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި ގާނޫނީގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އިދާރާއަށް ލިބިދޭ ހައްގުތަކާއި މަންފާތައް ގާނޫނުގެ ދަށުން އުފެދޭ ޒަކާތު ހައުސްއަށް ބަދަލުވީ ކަމަށް ބިލުގައިވެއެވެ.

ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ހުރިހާ އިދާރީ ކަންކަން ރާވައި ހިންގުމާއެކު މިހާރު ވެސް ޒަކާތު ހައުސް އިން ކުރަމުން އަންނަ މަސައްކަތްތައް އަލަށް އުފެދޭ ޒަކާތު ހައުސްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިލުގައި ވަނީ ހިމަނައިފައެވެ. އަދި ރަށްރަށުން ޒަކާތުގެ މަސައްކަތްތައް ކުރުމަށް ލޯކަލް ކައުންސިލުތަކާ ހަވާލުކުރެވިދާނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެ ބިލުގައި ބުނެފައިވަނީ އެ ގާނޫނު އުފެދުމާއެކު "ޒަކާތު ފަނޑު"ގެ ނަމުގައި ފަންޑެއް އުފެދޭނެ ކަމަށާއި އެ ފަންޑު އުފެދުމާއެކު މިހާރު ހިންގަމުން އަންނަ ޒަކާތު ފަންޑުގެ ހުރިހާ ފައިސާއެއް އަލަށް އުފެދޭ ފަންޑަށް ބަދަލުވީ ކަމަށެވެ.