އިސްލާމިކް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ފެންވަރަށް ކިޔެވުމަށް 15 ފަރާތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްފިއެވެ.

ސްކޮލާޝިޕްތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަމަށްޓަކައި މިއަދު އެމްއެމްއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމައީލް ޝަފީއު އެވެ.

އެ ސްކޮލާޝިޕްގެ ދަށުން ބައިވެރިންނަށް މެލޭޝިއާގެ އިންސެއިފް ޔުނިވާސިޓީ އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސް (އީއެމްއައިއެފް) ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެ ޕްރޮގްރާމަކީ ވިޔަފާރިތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީ ކުރިއެރުވުމަށް ބޭނުންވާ ހުނަރާއި ވިސްނުން ބައިވެރިންނަށް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމެކެވެ. ޖުމުލަ 15 ސްކޮލާޝިޕްގެ ތެރެއިން ފަސް ސްކޮލާޝިޕަކީ ފުލީ ފަންޑެޑް (އެއްވެސް ހަރަދެއް ކުރަން ނުޖެހޭ) ސްކޮލާޝިޕެވެ. އަދި އަނެއް 10 ސްކޮލާޝިޕަކީ ޕާޝަލް ފަންޑެޑް (ހަރަދުގެ އެއްބައި އަމިއްލައަށް ދައްކަންޖެހޭ) ސްކޮލާޝިޕެވެ.

އެގްޒެކެޓިވް މާސްޓާސް އިން އިސްލާމިކް ފައިނޭންސްއަކީ އެ ދާއިރާގައި މަސައްކަތްކުރާ ބައިވެރިންނަށް އަމާޒުކޮށްގެން، ކޮންވެންޝަނަލް އަދި ޝަރީއާ ފައިނޭންސްގެ ދާއިރާއިން ދުނިޔޭގައި ފާހަގަކުރެވޭ އިލްމުވެރިން އެކުލަވާލާފައިވާ ކޯހެކެވެ. އެއީ އިސްލާމިކް ފައިނޭންސްގެ އިތުރުން ލީޑާޝިޕް ހުނަރުތައް އިތުރުކުރުމާއި އަދި އެ ފަރާތްތަކުގެ މުއައްސަސާތަކާއި މުޖުތަމައުގައި އެދެވޭ ބަދަލުތައް ގެނައުމަށް މަގުފަހިކޮށްދޭ ގިނަ ދާއިރާތަކެއް ހިމެނޭ ކޯހެކެވެ.

އެމްއެމްއޭ އިން ބުނީ އެ ސްކޮލާޝިޕްތަކަކީ ރާއްޖޭގެ ކުރިއަރަމުންދާ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި އެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެމްއޭގެ ސްޓްރެޓެޖިކް ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.