ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ތަމްވީލް ފިންލިޓް ފެސްޓް 2025" ތައާރަފުކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ އެ ހަރަކާތަކީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖުކުރުން، އަދި އިސްލާމިކް ފައިނޭންސްއާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށެވެ.

އެ ފެސްޓިވަލުގެ މަގުސަދަކީ ދަރިވަރުންނާއި ޒުވާނުންނާއި އަދި މުޅި މުޖުތަމައު ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމައެއް ބިނާކުރުމެވެ.

އެމްއެމްއޭގެ ތަމްވީލް ފިންލިޓް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ހާއްސަކޮށްގެން ބޭއްވި ހަފުލާއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެ ހަފުލާގައި މިނިސްޓަރު ވަނީ، މާލީގޮތުން ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މުހިންމުކަން ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފައެވެ.

10 އޮގަސްޓު 2025: އެމްއެމްއޭ "ތަމްވީލް ފިންލިޓް ފެސްޓިވަލް 2025" ތައާރަފުކުރުން --- ފޮޓޯ/ އެމްއެމްއޭ

އެ ފެސްޓިވަލްގައި ހިމެނޭ ހަ ހަރަކާތް:

  • ފިންލިޓް ޗެލެންޖް.
  • އިކޮންކުއެސްޓް ބަހުސް މުބާރާތް.
  • އިމްޕެކްޓް ޕިޗް ޗެލެންޖް.
  • ފިއުޗާ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް.
  • ވެލިއުސް އެންޑް ވިޝަން އާޓް މުބާރާތް.
  • ކުރު ވީޑިއޯ ހެދުމުގެ މުބާރާތް.

އެމްއެމްއޭ އިން ބުނީ އެ ހަރަކާތްތަކުގައި އުފެއްދުންތެރިކަމާއި އާ އިޖާދީ ވިސްނުމާއި އާ ގޮތްތައް ހޯދުމަށް މަގުފަހިކުރުމުގެ އިތުރުން، ފައިނޭންސް މެނޭޖުކުރުމަކީ ހަމައެކަނި ފަންނީ ހުނަރަކަށްވުރެ ބޮޑަށް އިޖުތިމާއީ އަދި އިގުތިސާދީ ބަދަލު ގެނައުމުގެ ވަސީލަތެއްގެ ގޮތުގައި ދެކުމަށް ބައިވެރީންނަށް އުނގަންނައިދެވޭނެ ކަމަށެވެ.

ފައިނޭންޝަލް ލިޓަރަސީގެ މައިގަނޑު ބައިވެރިންގެ ގޮތުގައި ޒުވާނުން:

އެމްއެމްއޭ ތަމްވީލް ފިންލިޓް ޗެލެންޖަކީ ލީގެއްގެ އުސޫލުން ކުރިއަށްގެންދާ ކުއިޒް މުބާރާތެކެވެ. އެ މުބާރާތް އަމާޒުކޮށްފައިވަނީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެ މުބާރާތުގައި ފައިސާ ރައްކާކުރުމާއި ބަޖެޓް ހެދުމާއި ހަލާލު އިންވެސްޓްކުރުމާއި ރިސްކް ހިއްސާކުރުމާއި އަދި އިސްލާމިކް ފައިނޭންޝަލް ނިޒާމުގެ އަސާސްތަކާ ބެހޭ މައުލޫމާތު ޓެސްޓުކުރެވޭނެއެވެ.

އެ ޗެލެންޖުގެ މަގުސަދަކީ ބައިވެރިންނަށް އަމަލީ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ހުނަރުތައް ދަސްކޮށްދިނުމާއެކު، ޝައުގުވެރިކަމާއެކު ދަސްކުރުމުގެ މާހައުލެއް ގާއިމުކުރުމެވެ.

އެމްއެމްއޭ އިން ބުނީ އިކޮންކުއެސްޓް ބަހުސް މުބާރާތުގައި 16 އަހަރާއި 25 އަހަރާ ދެމެދުގެ ބައިވެރިންނަށް މުހިންމު އިގުތިސާދީ މައްސަލަތަކާ ބެހޭގޮތުން އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ބަހުސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ދެމެހެއްޓެނިވި ތަރައްގީއާއި ވަށައިޖެހޭ މުޖުތަމައުއެއް ބިނާކުރުމާއި ދުނިޔޭގެ އިގުތިސާދީ ކުރިއެރުންތަކާ ހަމައަށް، ޒުވާން ބަހުސްވެރިންނަށް ގައުމީ އަދި ބައިނަލްއަގުވާމީ ދުނިޔޭގެ ގޮންޖެހުންތަކަށް އާ ހައްލުތައް ހުށަހެޅުމުގެ ފުރުސަތު ލިބި، އެމީހުންގެ މަދަނީ ހޭލުންތެރިކަމާއި ވިސްނުން ވަރުގަދަވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

10 އޮގަސްޓު 2025: އެމްއެމްއޭ "ތަމްވީލް ފިންލިޓް ފެސްޓިވަލް 2025" ތައާރަފުކުރުން --- ފޮޓޯ/ އެމްއެމްއޭ

އިސްލާމީ ފައިނޭންސިންގައި އާ ގޮތްތައް ހޯދުމަށް ހިތްވަރުދިނުން:

ފެސްޓިވަލްގެ މައިގަނޑު އެއް ހަރަކާތް ކަމުގައިވާ އިމްޕެކްޓް ޕިޗް ޗެލެންޖް ފަރުމާކުރެވިފައިވަނީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ ކުރިއެރުވުމަށް ޝަރީއާއާ އެއްގޮތްވާ އާ ހައްލުތައް ހޯދުމަށެވެ. 18 އަހަރުން މަތީގެ ބައިވެރިންނަށް ހުޅުވާލި އެ ޗެލެންޖްގައި މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކުރެއެވެ.

އެއީ ފައިނޭންޝަލް ލިޓަރަސީ ޓޫލްތައް ތައްޔާރުކުރުމާއި ހިދުމަތް ނުލިބޭ މުޖުތަމައުތަކަށް އެކުލެވޭ މާލީ ހައްލުތައް އުފެއްދުމާއި އަދި ފިންޓެކްގެ ޒަރީއާއިން އިސްލާމީ ފައިނޭންސްގައި އާ ގޮތްތައް ހޯދުމެވެ.

ޝޯޓްލިސްޓްކުރެވޭ ބައިވެރިން، މި އަހަރުގެ ނޮވެމްބަރު 15 ގައި އޮންނަ ބޫޓްކޭމްޕެއްގައި ބައިވެރިންގެ ހިޔާލު ހުށަހެޅުމަށް ފުރުސަތު ލިބޭނެއެވެ. ކާމިޔާބުކުރާ ފަރާތްތަކަށް 30,000 ރުފިޔާއާ ހަމައަށް ފައިސާގެ އިނާމުގެ އިތުރުން، ވިޔަފާރި ފަންޑިންނާއި ކާމާގުޅޭ ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުސަތު، އަދި ތަމްރީނު ޕްރޮގުރާމުތަކުގެ ފުރުސަތު ލިބިގެންދެއެވެ.

އުފެއްދުންތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމަށް އިސްކަންދިނުން:

އެ ފެސްޓިވަލްގައި އުފެއްދުންތެރި އަދި ބިނާކުރަނިވި ހިޔާލުތައް ފާޅުކުރުމުގެ ފުރުސަތުވެސް ހިމެނެއެވެ. ފިއުޗާ ފައިނޭންސް މަޒުމޫނު މުބާރާތުގައި ސްކޫލް ދަރިވަރުންނަށް އެކުދީންގެ ވިސްނުމުގައި މާލީ ދާއިރާއާ ދެތޭރޭ އޮތް ތަސައްވަރު ހާމަކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ. ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސްގައި ޒުވާން ކުރެހުންތެރިންނަށް ހަމަހަމަ މާލީ ނިޒާމެއްގެ މުސްތަގުބަލެއް ކުރެހުމުގެ ޒަރީއާއިން ދައްކުވައިދިނުމަށް ފުރުސަތު ހުޅުވާލާފައިވާނެއެވެ.

ޑިޖިޓަލް ދާއިރާގެ ހުނަރުތައް ދެއްކުމަށްޓަކައި ފެސްޓިވަލްގެ ވީޑިއޯ ޗެލެންޖްގައި ބައިވެރިވުމަށްވެސް އެމްއެމްއޭގެ ފިންލިޓް ފެސްޓިވަލުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ. މުބާރާތުގެ ބައިވެރިން 15 ސިކުންތާއި 60 ސިކުންތާ ދެމެދުގެ ވީޑިއޯތައް ހަދައިގެން ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ.

މާލީގޮތުން ހޭލުންތެރި ގައުމެއް ބިނާކުރުން:

އެމްއެމްއޭ އިން ބުނާގޮތުގައި، ތަމްވީލް ފިންލިޓް ފެސްޓްއަކީ އަދުގެ މާލީ މާހައުލެއްގައި ކަންކަން ކުރިއަށްގެންދިއުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ދިވެހިންނަށް، ހާއްސަކޮށް ޒުވާނުންނަށް ދިނުމަށް އެ މުއައްސަސާއިން ކުރާ މަސައްކަތުގެ ތަސައްވުރެކެވެ. އެ ފެސްޓިވަލްގެ މަގުސަދަކީ މާލީގޮތުން ޒިންމާދާރު، އަގުހުރި ސިފަތަކެއް ލިބިފައިވާ އާ ޖީލެއް ބިނާކުރުންކަމުގައިވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ ފެސްޓިވާލާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ވެބްސައިޓުންނާއި އަދި އެމްއެމްއޭގެ ސޯޝަލް މީޑިއާ ހެންޑަލްސްތަކުން ފޯރުކޮށްދޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.