ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއިން މަސް އެކްޕޯޓު ކުރުން ފެށިގެންދާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް ތަރައްގީކޮށް އެތަނުން އިތުރަށް ފައިދާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިފްކޯއިން ބުނީ މިހާރު އައްޑޫ ފިޝަރީޒް ކޮމްޕެލްކްސްއަށް ގަންނަ މަސް، އެކްސްޕޯޓު ކުރުމަށް ގެންދަނީ ހުވަދު އަތޮޅު ކޫއްޑޫ ކޮމްޕެލްކްސްއިން ކަމަށެވެ.
"އައްޑޫއަތޮަޅަށް ގެންނަމަސް، ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫއަތޮޅުން އެކްސްޕޯޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސް ދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވެއެވެ. އަދި މީގެ އިތުރުން، އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުން ދެއެވެ،" މިފްކޯއިން ބުންޏެވެ.
މިފްކޯއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ، މެޝިނަރީ އަދި އެހެނިހެން އާލަތްތައް މަޖުބޫރު ރިޕެއާ އެންޑް މެއިންޓެއިންސް، ވަރަށް ބޮޑުތަނުން ލަސްވުމުގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތައް ކަމަށް މިފްކޯއިން ބުންޏެވެ. އެހެންވެ ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުކަކާއި ބަަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ މަރާމާތުގެ މަސައްކަތްތައް އިސްކަމެއް ދީފައިވީ ނަމަވެސް، ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މެނޭޖުމެންޓުން ދަނީ އެކި ދާއިރާތަކުން މަސައްކަތައް ކުރަމުން ކަމަށެވެ.
އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާ އެކު މަލްޓި ލެޓްރަލް ޑިވެލޮޕްމެންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓުމެންޓުތަކެއް މިހާރު ކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.
ގދ. ތިނަދޫގައި މިހާރު ހަދަމުން އަންނަ މަސް ގަންނަ މަރުކަޒު އަންނަ އަހަރު ހުޅުވާ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމަށް ވެސް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް މިފްކޯއިން ބުންޏެވެ.
މުހައްމަދު އިޝާން
ހޮލީވުޑް
އިނގިރޭސިވިލާތް
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް