ގާޒާ ހިފުމާ ދެކޮޅަށް މުސްލިމު ގައުމުތަކުން ތެދުވުމަށް ތުރުކީއިން ގޮވާލައިފިއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ނޫސްވެރިންނާ ބައްދަލުކުރައްވައއި ވާހަކަދައްކަވަމު ވިދާޅުވީ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ހުއްދަދީފައިވާ ގާޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމު ގައުމުތަކުން ތެދުވަން ޖެހޭ ކަމަށެވެ.

ތުރުކީ އިން ވަނީ މުސްލިމް ގައުމުތަކުން އެކަތިގަނޑަކަށްވެ ބައިނަލްއަގުވާމީ ފެންވަރުގައި އެކަމާ ދެކޮޅަށް ތެދުވުމަށް ގޮވާލައިފައެވެ.

މެދުއިރުމަތީގެ މުސްލިމު ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީ އާއި މިސްރުން ވެސް ހުކުރު ދުވަހު ވަނީ އިޒްރޭލުގެ ޕްލޭނާ ދެކޮޅަށް ބަޔާން ނެރެ އެކަން ކުއްވެރިކޮށްފައެވެ.

ތުރުކީ އިން ވަނީ އިޒްރޭލުން ހިންގުމަށް ރާވަމުންދާ ކަންކަމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަންކަން ކަމަށާއި އެއީ އިތުރު ލޭއޮހޮރުވުމަކަށް ދާނެ ކަމެއް ކަމުގައި ސިފަކޮށްފައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވަނީ އިސްލާމީ ގައުމުތައް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް ގޮވާލައްވައިފައެވެ.

އިޒްރޭލުން ވަނީ އެގައުމުގެ ޕްލޭނަކީ ގާޒާ ސަލާމަތް ކުރުން ކަމަށާއި ހަނގުރާމަވެރިންގެ ކިބައިން އެސިޓީ ސާފުކުރުން ކަމަށް ބުނެފައެވެ.