ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓް، ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ޑްރޮޕް-ނީ ޗެމްޕިއަންކަން އަނެއްކާވެސް އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހޯދައިފިއެވެ.

މިދިޔަ އަހަރު ބޭއްވި ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަނަކީވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު ކުޑަ އައްޔައެވެ. މިފަހަރު އިވެންޓްގެ އޯޕަން ބައި އަދި ޖޫނިއާ ބައިގެ ފައިނަލް ހީޓުތައް މިއަދު އޮންނަ އިރު، އިއްޔެ ވަނީ ޑްރޮޕް-ނީ އިވެންޓް ނިމިފައެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބާއްވާފައިވާ ލަބެރަގެ މިއީ ހަތަރުވަނަ އެޑިޝަނެވެ. މިދިޔަ އަހަރު ލަބެރަ އެނބުރި އައިސްފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރަގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

އިއްޔެ ކުރިއަށްދިޔަ ޑްރޮޕް-ނީ ސެމީ ފައިނަލް ފުރަތަމަ ހީޓުގައި ކުޑަ އައްޔަ ވާދަކުރީ ނޫހު މުހައްމަދު ދުނައިމް އިރްޝާދެވެ. އެ ހީޓު ބޮޑު ތަފާތަކުން ވާދަކޮށް، ކުޑަ އައްޔަ ފައިނަލަށް ދިޔައީ 8.34 ގެ ސްކޯއަކާއެކުގައެވެ.

ސެމީ ފައިނަލް ދެވަނަ ހީޓުން އާމިން އުމަރު މޫސާ ފައިނަލަށް ދިޔައީ 5.50 ގެ ސްކޯއަކުންނެވެ. މުހައްމަދު އަޒާން އަހުމަދު އެ ހީޓުގައި ވާދަކޮށް، އޭނާއަށް ހޯދުނީ 3.00 ގެ ސްކޯއަކުންނެވެ.

ފައިނަލް ހީޓުގައި ކުޑަ އައްޔަ 9.50 ގެ ސްކޯއެއް ހޯދި އިރު، އާމިންއަށް ހޯދުނީ 6.16 ގެ ސްކޯއަކާއެކުގައެވެ.

އެމްބީބީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް ލަބެރަ ޗެލެންޖްގައި އޯޕަން ބައިގެ އިތުރުން ޖޫނިއާ އަދި ޑްރޮޕް-ނީ ކެޓަގަރީ ކުރިއަށްދެއެވެ. ލަބެރަ ޗެލެންޖަކީ 1000 ޕޮއިންޓުގެ އިވެންޓެކެވެ.