ހިޔާ ފުލެޓެއްގެ އެޕާޓްމަންޓެއް ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރޭ 9:14 ހާއިރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހިޔާ ފުލެޓުގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފްލޭވާ ފުޅިތަކެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި ޖުމުލަ 242 ވޭޕް ފްލޭވާ ފުޅި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލު ކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ވޭޕް ބޭނުންކޮށް، ވިޔަފާރި ކުރުމުގެ އިތުރުން ހިލޭ ބަހައިފި ނަމަ ވެސް ބޮޑެތި ޖޫރިމަނާތަކެއް ކުރެއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހު ވޭޕުކޮށްގެން ކުރި ޖޫރިމަނާ 62،000 ރުފިޔާއަށް އަރާ އިރު، ވޭޕު ވިއްކައިގެން ނުވަތަ ގަނެގެން ކުރި ޖޫރިމަނާގެ އަދަދު 7،000 ރުފިޔާއަށް އަރައެވެ. އަދި ވޭޕު ގެންގުޅެގެން ކުރި ޖޫރިމަނާގެ އަދަދު 58،000 ރުފިޔާއަށް އަރައެެވެ.