މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސްވެރިންނާ ބައްދަލުކޮށްފިއެވެ.

އެމްޕީއެލުން މަސްވެރިންނާ ބައްދަލުކޮށްފައި މިވަނީ، މަސްދޯނިފަހަރަށް ހާއްސަ ސަރަހައްދުވެސް ހިމެނޭގޮތަށް މިދިޔަ ޖޫންމަހު މާލެ ނޯތު ހާބަރު އެމްޕީއެލްއާ ހަވާލުކުރުމާއެކުއެވެ. އޭގެ ކުރިން އެ ސަރަހައްދުގެ ކަންކަން ބަލަހައްޓަމުންގެންދިޔައީ މާލެ ސިޓީ ކައުންސިލުންނެވެ.

އެޕްމީއެލްގެ ހެޑް އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމުގައި މަސްވެރިންނާ ބައްދަލުކުރައްވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ މާލެ ނޯތު ހާބަރުގައި މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އެ ކުންފުނިން މަސަައްކަތްކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި މިހާރުވެސް މަސްވެރިންނަށް ދިމާވާ ދަތިތައް ދެނެގަތުމަށް އެމްޕީއެލްގެ ހާއްސަ ޓިމެއް އެކަމަށް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން މާލެ ނޯތު ހާބަރު ސަރަހައްދުގައި މަސްވެރިންނަށް ދިމާވާ ދަތިތައް ފާހަގަކޮށް އެމްޕީއެލް ޓީމާއެކު މަސްވެރިންވެސް ދެބަސްވުމެއްނެތި މަސައްކަތްކުރުމަށް ސީއީއޯ ވަނީ މަސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރިޝްވާން ވިދާޅުވީ މިހާރު އެ ސަރަހައްދުގެ އޭ ޒޯނުގައި ފެނާއި ކަރަންޓު ލާފައި ހުންނާނެ ކަމަށާއި ބަނދަރުގެ އެންމެ އިރުމައްޗަށް އެޕްޕީއެލްގެ ޓީމުން އެ ސަރަަހައްދުގެ މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

7 އޮގަސްޓު 2025: އެމްޕީއެލުން މަސްވެރިންނާ ބައްދަލުކުރުން --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެ ސަރަހައްދަށް ކައިރި ކުރާ މަސްދޯނިތަކަށް ފަސޭހަކޮށްދިނުމަށް އެ ސަރަހައްދުގައި އަޅާފައި އޮންނަ ކުދި މަސްދޯނިތައް އެތަނުން ނެގުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެއާއެކު ނޯތު ހާބަރުގައި މިހާރު ބިދޭސީން ވިޔަފާރިތައް ހިންގަމުންގެންދާ ގޮތަށް ވިޔަފާރިތައް ހިންގަން ހުއްދަނުދޭނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ރިޝްވާން ވިދާޅުވީ އެމްޕީއެލުން އެ ސަރަަހައްދުގައި ތެލުގެ ހިދުމަތް ފަށަން ގަސްތުކުރާ ކަމަށާއި އެކަމާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް އަންނަ ހޯމަ ދުވަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއެކު ބައްދަލަވުމެއް ބާއްވާނެ ކަމަށެވެ.

"އޭ ޒޯނަށް ފެނާއި ކަރަންޓުލާފައި އޮތްގޮތަށް، މުޅި ބަނދަރުގެ އިރުމަތީ ފަރާތަށްވެސް ކަރަންޓާއި ފެނާ ލައިދިނުމުން މަސްދޯނި ފަހަރަށް ފަސޭހަވާނެ. ދެން ތެލުގެ ކަންތައް އަންނަ ހޯމަ ދުވަހު ފިއުލް ސަޕްލައި މޯލްޑިވްސްއާއެކީ ބައްދަލުވުމެއްް ކުރިއަށްގެންދަން ނިންމާފައި އޮތީ،" ސީއީއޯ ރިޝްވާން ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި މަސްވެރިންނާ ވާހަކަދައްކަވަމުން ނޯތު ހާބަރު ހިންގެވުމާ ހަވާލުވެ ހުންނެވި ނޯތު ހާބަރުގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހަމްދުﷲ ރަޝީދު ވިދާޅުވީ އެމްޕީއެލުން ބޭނުންވަނީ ނޯތު ހާބަރު ސަރަހައްދު މަސްވެރިންގެ ލަފާގެ މަތިން ބަދަލުތައް ގެންނަން ކަމަށެވެ.

7 އޮގަސްޓު 2025: އެމްޕީއެލުން މަސްވެރިންނާ ބައްދަލުކުރުމުގައި ނޯތު ހާބަރު އެސިސްޓަންޓް ޖެނެރަލް މެނޭޖަރު އަހުމަދު ހަމްދުﷲ ރަޝީދު ވާހަކަދައްކަވަނީ --- ވަންފޮޓޯ/ ފާތިމަތު ލިޔުޝާ

އެ ސަރަހައްދުގެ ޒޯން އެފް އަކީ މަސްވެރިކަމަށް ހާއްސަ ޒޯނެއް ކަމަށާއި އެ ޒޯނަށް މުދާ އުފުލާ އުޅަނދުތައް ވަނުން މިހާރު މަނާކޮށްފައިވާނެ ކަމަށް ހަމްދުﷲ ވިދާޅުވިއެވެ.

މަސްވެރިންގެ ސަރަހައްދަށް މުދާ އުފުލާ ދޯންޏެއް ވަދެއްޖެ ނަމަ، އެ ސަރަހަދުން ނަގާނެ ކަމަށާއި އެ ސަރަހައްދަށް ވަދެވޭނީ ހަަމައެކަނި މަސްދޯނި ތަކަށް ކަމަށް ހަމްދުﷲ ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގައި މުދާ އުފުލާ ދޯނި ފަހަރާއި ފަސިންޖަރުން އުފުލާ އޮޑިތަކުގެ ވެރިންނާވެސް ބައްދަލުކުރާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ނޯތު ހާބަރުން މަސްވެރިންނަށް އައިސް ފޯރުދެވޭނެ އިންތިޒާމުތައްވެސް ފޯރުކޮށްދިނުމަށް އެމްޕީއެލުން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލުން ބުނީ ރޭގެ ބައްދަލުވުމުގައި ބައިވެރިވުމަށް 100 މަސްދޯނީގެ ވެރިންނަށް ކިޔާފައިވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް 50 ގާތްކުރާ އަދަދަށްވެސް މަސްދޯނިތަކުގެ ވެރިން ހާޒިރެއް ނުވެއެެވެ.