ސައުދީގެ ''ނުސުކް އެޕް'' އިންޓަނެޓާ ނުލައި ބޭނުންކުރެވޭގޮތް ހަދައިފިއެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން އިސްނަގައިގެން އެ ގައުމަށް ހައްޖާއި އުމްރާގެ އަޅުކަމަށް ޒިޔާރަތްކުރާ މީހުންނަށް ފަސޭހަކޮށްދިނުމަށް އުފެއްދި ''ނުސުކް އެޕް'' މީގެ ކުރިން ބޭނުން ކުރެވެނީ އިންޓަނެޓް މެދުވެރިކޮށެވެ.

އޮފިޝަލުން ބުނާގޮތުގައި ސައުދީގެ ޓެލެކޮމް ކުންފުނިތަކާ ގުޅިގެން އުފެއްދި އެ އެޕްގެ ސަބަބުން ޑިޖިޓަލްކޮށް ގިނަ އެހީތެރިކަމެއް ލިބި ހައްޖާއި އުމްރާގެ އަޅުކަން ކުރިއަށްވުރެ ފަސޭހަ ކަމަކަށް ވަނީ ވެފައެވެ.

ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ ތަރުޖަމާނު ގައްސާން އަލް ނުވައިމީ ވިދާޅުވީ ސައުދީގެ ސިމެއް ބޭނުންކުރާ މީހުންނަށް ''ނުސުކް އެޕް'' އަދި އެ އެޕްގެ އެހެން ހުރިހާ ހިދުމަތްތަކެއް އެއްވެސް ޑާޓާއެއް ބޭނުންނުކޮށް އަދި އެއްވެސް އިންޓަނެޓް ކަނެކްޝަނެއް ނެތި ބޭނުންކުރެވޭނެ ކަމަށެވެ.

''ނުސުކް އެޕް'' ބޭނުންކޮށްގެން އަޅުކަމުގައި އުޅޭ މީހުންނަށް އެކި ހުއްދަތައް ނެގުމާއި އެކި ހިދުމަތްތަކަށް ޓިކެޓް ނެގުމުގެ އިތުރުން ދަތުރުފަތުރަށް ފަސޭހައަށް މެޕުތައް ބޭނުން ކުރެވޭނެއެވެ.

''ނުސުކް އެޕް'' ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ވެސް ގިނަ ހިދުމަތްތަކެއް ލިބެއެވެ.