ސަރުކާރު ކުންފުނިތަކަށް މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ސަރުކާރު ކުންފުނިތަކަށް ދިނުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވާ ފައިސާގެ އަދަދަކީ 378.3 މިލިއަން ރުފިޔާއެވެ. ރިޕޯޓުގައިވާ ގޮތުން އެ އަދަދު ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުން ފަދަ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.
ނަމަވެސް ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުގެ ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ ބަޖެޓް ކުރި އަދަދަށް ވުރެ 205 ޕަސަންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ ވެސް ހަތަރު ޕަސަންޓަށްވުރެ ބޮޑު އަދަދެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަށް ފާސްކުރި ބަޖެޓުގައިވާ ގޮތުން، ބަޖެޓުން ފައިސާ ދޫކުރާނީ ހަ ކުންފުންޏަކަށެވެ.
އެ ކުންފުނިތަކާއި ބަޖެޓުން ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދު:
- މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ): 33.4 މިލިއަން ރުފިޔާ
- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން: 130.7 މިލިއަން ރުފިޔާ
- އެސްޑީއެފްސީ: 50 މިލިއަން ރުފިޔާ ރުފިޔާ
- އައްޑޫ އެއާޕޯޓް ކުންފުނި: 44.9 މިލިއަން ރުފިޔާ
- އައިލެންޑް އޭވިއޭޝަން: 77 މިލިއަން ރުފިޔާ
ސަރުކާރު ކުންފުނިތަކަށް ބަޖެޓުކުރި ވަރަށް އިތުރަށް ފައިސާ ބެޖެޓުން ދޫކުރި ނަމަވެސް ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރު ކުންުފުނިތަކަށް ލިބުނު ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ސަރުކާރަށް ލިބުނީ 409 މިލިއަން ރުފިޔާއެވެ.
ތަފާސްހިސާބުގައިވާ ގޮތުން އެ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 468 މިލިއަން ރުފިޔާއާ އަޅާބަލާއިރު 59 މިލިއަން ރުފިޔާ މަދު އަދެދެކެވެ.
މުހައްމަދު އިޝާން
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް
ސަރުކާރު ކުންފުނިތައް