ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓް، ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަންގެ ކުއާޓާ ފައިނަލް ހީޓުތަކަށް ތައްޔާރުވެއްޖެއެވެ.

ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ ލަބެރަ ޗެލެންޖުގެ ފިރިހެން އޯޕަން ބައިގައި 19 އެތުލީޓުން ވާދަކުރަމުންދާ އިރު، މިއަދު ވަނީ ރެޕޯ ހީޓުތަކުގެ އިތުރުން ހަތަރު ވަނަ ބުރުގެ ހީޓުތައްވެސް ކުރިއަށް ގެންގޮސްފައެވެ.

ހަތަރު ވަނަ ބުރުގެ އެންމެ ފުރަތަމަ ހީޓުން ކުއާޓާއަށް ދަތުރުކުރީ އިޔަން އަހުމަދާއި މުހައްމަދު ކައިފެވެ. އިޔަން 10.17 ގެ ސްކޯއެއް ހޯދި އިރު، ކައިފް ވަނީ 8.50 ގެ ސްކޯއެއް ހޯދައިފައެވެ.

ދެވަނަ ހީޓުގައި ތަފާތު ދެއްކީ މިވަގުތު ލީގު ލީޑު ކުރަމުންދާ އާމިން އުމަރު މޫސާއެވެ. އޭނާ ވަނީ 14.83 ގެ ތަފާތު ބޮޑު ސްކޯއެއް ހޯދައިފައެވެ. އެ ހީޓުން ދެން ކުއާޓާއަށް ދިޔައީ ނޫހް މުހައްމަދު ދުނައިމް އިރުޝާދެވެ. ނޫހު ވަނީ 4.03 ގެ ނަތީޖާއެއް ހޯދައިފައެވެ.

ދެން ކުރިއަށްދިޔަ ހީޓު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، އެ ހީޓުން ކުއާޓާއަށް ދިޔައީ ހީޓުގެ އެއްވަނަ ހޯދި، މުހައްމަދު އަޒާން އަހުމަދާއި އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ. އަޒާން 12.50 ގެ ސްކޯއެއް ހޯދި އިރު، ކުޑަ އައްޔަ ވަނީ 9.17 ގެ ސްކޯއެއް ހޯދައިފައެވެ.

ހަތަރުވަނަ ބުރުގެ އެންމެ ފަހު ހީޓުން ކުއާޓާ ޔަގީންކުރީ އަލީ ޖާވިދު (ޖާއްޓެ) އާއި މުހައްމަދު ޝައިލަމްއެވެ. ޖާއްޓެ ވަނީ 8.00 ގެ ސްކޯއެއް ހޯދައިފައެވެ. ޝައިލަމް ކުއާޓާއަށް ދިޔައީ 5.56 ގެ ސްކޯއަކުންނެވެ.

ލަބެރަ 2025 ގައި މިއަދު ކުރިއަށް ހީޓުތަކުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މިހާތަނަށް އައިއިރު، ޖޫނިއާ ސެމީވެސް ވަނީ ޔަގީންވެފައެވެ. ޖޫނިއާ ފުރަތަމަ ސެމީގައި އިޔަން ނުކުންނާނީ ނޫހާ ދެކޮޅަށެވެ. ދެވަނަ ސެމީގައި އަޒާން ވާދަކުރާނީ ހަސަން ނަދީހާ ދެކޮޅަށެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބާއްވާފައިވާ ލަބެރަގެ މިއީ ހަތަރުވަނަ އެޑިޝަނެވެ. މިދިޔަ އަހަރު ލަބެރަ އެނބުރި އައިސްފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރަގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.

މިދިޔަ އަހަރު ބޭއްވި ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަނަކީވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ. އެއީ އައްޔަ ލަބެރަގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރުވެސް މެއެވެ.

އެމްބީބީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް ލަބެރަ ޗެލެންޖްގައި އޯޕަން ބައިގެ އިތުރުން ޖޫނިއާ އަދި ޑްރޮޕް ނީ ކެޓަގަރީ ކުރިއަށްދާނެއެވެ. ލަބެރަ ޗެލެންޖަކީ 1000 ޕޮއިންޓުގެ އިވެންޓެކެވެ.