ކޮންޓްރެކްޓާ ފައިނޭންސްގެ ދަށުން ހޮޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން އިއުލާނުކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އެއީ މާފުށީގައި ހޮޓަލެއް ހެދުމުގެ ޕްރޮޖެކްޓަކީ އެ ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މާފުށި އިސްލާމިކް ޓޫރިޒަމް ޕްރައިވެޓް ލިމިޓެޑް (އެމްއައިޓީ) އިން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) ކުރިއަށްގެންދާނީ ރާއްޖޭގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އިއުލާނުގައި ބުންޏެވެ.
އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގައި ރަޖިސްޓްރީވާން ޖެހެއެވެ. ރަޖިސްޓްރީވުމުން ފައިސާ ދެއްކުމުގެ ތަފްސީލު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ އިއުލާނުގައިވެއެވެ.
ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 30،000 ހާސް ރުފިޔާ ނުވަތަ 2،000 ޑޮލަރު މިމަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ދައްކަން ޖެހެއެވެ.
ހައްޖު ކޯޕަރޭޝަންގެ އިއުލާނުގައި ބުނީ ފައިސާ ދެއްކުމުން ބިޑިން ޑޮކިއުމެންޓާއި އެއާ ގުޅުންހުރި ލިޔެކިޔުންތަކުގެ ފުރިހަމަ ސެޓެއް މެއިލް ކުރެވޭނެ ކަމަށެވެ.
ބިޑް ކުރާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި 800،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއް ޑޮލަރުން ހުށަހަޅަން ޖެެހޭނެ ކަމަށް އިއުލާނުގައި ބުންޏެވެ. އެ ބިޑް ސެކިއުރިޓީއަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހުގެ މުއްދަތަކަށް ދެމިހުންނަން ޖެހޭނެ ސެކިއުރިޓީއެކެވެ.
ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަކަށް މިމަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ބޭނުންވާ ހުރިހާ މައުލޫމާތެއްގެ ޖަވާބު އަންގާނެ ކަމަށާއި ބީލަން ހުޅުވާ ދުވަހުން ފެށިގެން 120 ދުވަހުގެ މުއްދަތަށް ބިޑް ސައްހަވާން ޖެހޭނެ ކަމަށްވެސް އެ ކޯޕްރޭޝަނުގެ އިއުލާނުގައިވެއެވެ.
ބިޑް ހުޅުވުމުގެ ސެޝަން ކުރިއަށްގެންދަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ.
ހައްޖު ކޯޕަރޭޝަނުން "ހަލާލް ޓުއަރިޒަމް" ތައާރަފުކުރުމަށް މާފުށީގައި ސިޓީ ހޮޓެލެއް ތަރައްގީކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފައިވާކަން ފާހަގަކުރެއްވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެފައިވަނީ ހައްޖުގެ ކަންކަމަށް ކުރަންޖެހޭ ހޭދައަކީ ބޭރު ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތަކަކަށްވާތީ، މުޅިން ވެސް މުއާމަލާތްކުރަން ޖެހެނީ ބޭރު ފައިސާ އިން ކަމަށާއި މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަން ކަމަށެވެ.
ޝަކީލް ވިދާޅުވެފައިވަނީ މާފުށީގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް މާފުށިން އެކަށީގެންވާ ބޮޑު ބިމެއް ހަމަޖެހިފައިވާ ކަމަށާއި އެކަމަށް އިންވެސްޓުކުރާނެ ފަރާތްތަކެއް ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ސިޓީ ހޮޓަލުން ބޭރު ފައިސާއިން ރަނގަޅު އާމްދަނީއެއް ހޯދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެންބަރު 3 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ގެސްޓްހައުސް ހިންގުމަކީ އެންމެ ރަނގަޅު ގޮތްތޯ ހައްޖު ކޯޕަރޭޝަނުގެ ބޯޑުން ބަލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ ކުންފުނިތަކަކުން ގެސްޓް ހައުސް އާއި ރިސޯޓް ހެދީމަ އޭގެ ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ފާތިމަތު ލިއުޝާ
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަން