ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވަނީ ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމަށް ކަމަށް ލޯކަލް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، ލާމަރުކަޒީ ގާނޫނުން ލޯކަލް ކައުންސިލުތަކަށް ދީފައިވާ ބައެއް މާލީ ބާރުވެރިކަން ސަރުކާރަށް ނެގުމުގެ ގޮތުން، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމުން ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ކައުންސިލުތަކަަށް ފަޅުރަށްތައް ދެއްވުމާއި ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުމާއި ކައުންސިލުން ހުށަހަޅާގޮތަަށް ކަންކަން ނިންމަވައިދެއްވުމާއި މަޝްރޫއުތަކަށް ކައުންސިލުތަކުން ހުށަހަޅާ ބަދަލުތައް ގެނެސްދެއްވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލުތައް ހަގީގީ މާނައިގައި ބާރުވެރިކޮށް، ރައްޔިތުންގެ އިތުބާރު ކައުންސިލުތަކަށް ހޯއްދަވައިދެއްވުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއި ކުރައްވާ މަސައްކަތްޕުޅުތައް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ވީރާނާ ވެފައި ހުރި 105 ކައުންސިލް އިދާރާ، އިމާރާތްކޮށްދެއްވުމަކީ ވެސް ސީދާ ރައީސް މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ކައުންސިލުތަކުގެ މާލީ ބާރުވެރިކަން އިތުރުކޮށް، މާލީ ބާރުވެރިކަމުގެ ބޭނުން ކައުންސިލުތަކުން ކުރަނީ ޒިންމާދާރުކަމާއެކުގައިކަން ކަށަވަރުކުރުމަކީ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ ރައްޔިތުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޖިލީހުން މިއަދު ފާސްކުރި އެ ބިލު ސަރުކާރުގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސައިންއެވެ. އެ ބިލު ހަމަ އެ ދުވަހު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ލާމަރުކަޒީ ކޮމެޓީއަށް ފޮނުވިއެވެ.

ހަމަ އެ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލީ އިއްޔެ މެންދުރު 1:00 ގެ ނިޔަލަށެވެ.

އިދިކޮޅު ފަރާތްތަކާއި ބައެއް ކައުންސިލްތަކުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވަނިކޮށް ރޭ ކޮމިޓީން ބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައި މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ.

ބިލުގައި ބުނެފައިވަނީ ބިލު ހުށަހެޅުމުގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ގާނޫނުގައި ކަނޑައެޅުމާއި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި އަމަލު ކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖައާ ކުރުމާއި ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރުގެ ތެރޭގައި މުހިއްމު މާލީ ކަންތައްތައް ކައުންސިލްތަކުން ނިންމުމުުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

މި ގާނޫނުގެ 100 ވަނަ މާއްދާއަށް އިތުރުކުރަން މި ބިލުގައި ހިމަނާފައިވާ އިސްލާހުުގައި ވަނީ، ކައުންސިލްތަކުގެ ބޭންކު އެކައުންޓްތައް ބަލަހައްޓަންވާނީ، މާލީ ކަންކަން ހިންގުމާބެހޭ މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެ އެކައުންޓުތަކުގެ ސްޓޭޓްމެންޓެއް ހޯދަން މާލީ ވުޒާރާއިން އެދިއްޖެނަމަ، އެ މައުލޫމާތެއް ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކައުންސިލްތަކުގެ އުމުރުގެ ފަހު އަހަރު މާލީ ކަންތައްތައް ނިންމާނެ ގޮތުގެ މާއްދާއެއް ގާނޫނަށް އިތުރު ކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

އެ މާއްދާގައި ބުނަނީ ކައުންސިލްތަކުގެ އުމުރު ހަމަވާން އޮތީ އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް ނަމަ، މާލީ ވުޒާރާ އާއި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޫނީ ތިން ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އެ ކަންތައްތަކަކީ:

  • ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލް އޮފީހަށް ދާއިމީކޮށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނުނެގުން
  • ކައުންސިލް އިހްތިސާސް ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި ދިނުން
  • ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ ތަރައްގީގެ މަޝްރޫއުތައް ނުފެށުން

ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ފޮނުވި ބިލުގައި 70 ވަނަ މާއްދާއަށް ދެ އަކުރު އިތުރު ކުރަން ވެސް ހުށަހަޅާފައިވާ އިރު، "ލޯކަލް އޮތޯރިޓީ ކުންފުނި" ތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ މަސައްކަތްތަކެއް ކަމަށްވާންވާނެ ކަމަށް ވަނީ ހިމަނައިފައެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ހިމެނެންޖެހޭ ޝަރުތުތައް:

  • އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގުތިސޯދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ކަމުގައި ނުވުން
  • އެ މަސައްކަތަކީ، ރަށުގެ ނުވަތަ ރަށްތަކުގެ އުމްރާނީ ތަރައްގީއަށް ކޮންމެެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމުގައިވުން
  • އެ މަސައްކަތުގެ އިންވެސްޓްމަންޓްގެ އަދަދު 10،000،000 ރުފިޔާއަށްވުރެ ބޮޑުވުން

މީގައި ހިމެނޭ ޝަރުތުތައް ހަމަނުވާ ވިޔަފާރި ހަރަކާތްތައް، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ގާނޫނަށް ގެނެސް، ރައީސް ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްްޓާލަން ޖެހޭނެ ކަމަށްވެސް ބިލުގައިވެއެވެ.

''ލޯކަލް އޮތޯރިޓީ ކުންފުނި'' އުފައްދައިގެން ރަށްރަށުގެ ލޯކަލް ކައުންސިލްތަކުން ހިންގާ ވިޔަފާރިތަކުގެ ޝަރުތުތައް ވަރުގަދަކޮށް، އިންވެސްޓްމަންޓްގެ އަދަދު މިލިޔަނަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހުކުރަން ވެސް މަޖިލީހަށް ވަނީ ބިލު ފޮނުވައިފައެވެ.