ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަސާސީ ގަވާއިދުގައިވާގޮތުގެ މަތިން ކޮމިޓީތަކަށް މީހުން އައްޔަނު ކޮށްފިއެވެ.
އެފްއޭއެމްގެ އާ ރައީސަކަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ. ހުރިހާ ކްލަބެއްގެ ތާއީދާއެކު ތޯރިގު އެފްއޭއެމް ރައީސް ކަމަށް އައީ ވަރުގަދަ ޓީމަކާއެކުގައެވެ.
އެ ޓީމުގެ ދެވަނަ އެކްސްކޯ ބައްދަލުވުމާއެކު އެފްއޭއެމްއިން ވަނީ އަސާސީ ގަވާއިދުގައިވާ ސްޓޭންޑިން ކޮމިޓީތަކާއި އެޑްހޮކް ކޮމިޓީތަކަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހެޅި ހުށަހެޅުންތަކާމެދު މަޝްވަރާކުރުމަށްފަހު ވުމެންސް ފުޓްބޯލް ކޮމިޓީއާއި އެމެޗާ އެންޑް ގްރާސްރޫޓްސް ކޮމިޓީ، ފުޓްސަލް އެންޑް ބީޗްސޮކާ ކޮމިޓީ އަދި ޑައިމަންޑް ޖުބްލީ ކޮމިޓީއަށް މެމްބަރުން އައްޔަންކޮށްފައެވެ.
ސްޓޭންޑިން ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ވުމަންސް ފުޓްބޯލް ކޮމިޓީގެ ޗެއާޕާސަނަކީ އަލީ އިބްރާހީމް (ކައްޕި) އެވެ. އެ ކޮމިޓީގައި ދެން ހިމެނެނީ އެކްސްކޯގައި ހިމެނޭ އަންހެން ދެ މެމްބަރުން ކަމަށްވާ ހައްވާ ނަސްރާ ސައީދާއި ހައްވާ ރަޝީދާއެވެ.
އެމެޗާ އަދި ގްރާސްރޫޓްސް ކޮމިޓީގެ ޗެއާޕާސަނަކީ ކުރިން ގައުމީ ޓީމަށް ކުޅެ، މިފަހަރު އެކްސްކޯއަށް އިންތިހާބުވި މަގުބޫލު ކުޅުންތެރިޔާ މުހައްމަދު އުމައިރެވެ. އޭގެ އިތުރުން ދެން އެ ކޮމިޓީގައި ހިމެނެނީ ފަރީދު މުހައްމަދު، ލޫތު މުހައްމަދު، ޒަހީނުއްދީން، މުހައްމަދު އަރީފެވެ.
އެޑް-ހޮކް ކޮމިޓީތަކުގެ ތެރޭގައި ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމިޓީގައި ހިމެނެނީ ޗެއާޕާސަން މުޖުތަބާ ޖަލީލް، ޑެޕިއުޓީ ޗެއާޕާސަން އިމްރާން މުހައްމަދު (އިއްމަ)ގެ އިތުރުން ހުސައިން ނިހާދާއި އަބްދުﷲ ޝައްފާނެވެ.
ރާއްޖޭގެ ފުޓުބޯޅައަށް އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ޗެއާމަނަކަށް ހަމަޖެއްސީ ކުރިން ގައުމީ ޓީމަށް އިރުޝާދު ދިން ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭނެވެ.
ޑައިމަންޑް ޖުބިލީ ފާހަގަކުރުމަށް ހާއްސަ މުބާރާތެއްވެސް ބާއްވަން ހަމަޖައްސާފައިވާ އިރު، އެ މުބާރާތް ތާވަލުކޮށްފައި ވަނީ އަންނަ އަހަރު ޖޫން މަހަށެވެ. އޭގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ރާވާފައިވާ އިރު، ސުޒޭނަކީ ފުޓުބޯޅައިގެ ތަޖުރިބާކާރެކެވެ.
ސުޒޭނާއެކު ދެން އެ ކޮމިޓީގައި ހިމެނެނީ ނިއު ރޭޑިއަންޓްގެ ޗެއާމަން އަހުމަދު މުބީނާއި ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން އަދި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް