އަންނަ ސެޕްޓެމްބަރު މަހު 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗު ކުޅެ، 18 ވަނަ ދުވަހު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ކުޅުމަށް ޝެޑިއުލްކޮށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކަލަންޑަރު އާއްމު ކޮށްފިއެވެ.

އެފްއޭއެމްގެ އާ ރައީސަކަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަދި އެފްއޭއެމްގެ ކުރީގެ ރައީސް، މިހާރު މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅުގައެވެ.

ތޯރިގު ރައީސް ކަމާ ހަވާލުވެ، މިވީ ދުވަސްކޮޅު ތެރޭގައި މިހާތަނަށް ވަނީ ބޮޑެތި ނިންމުންތަކެއް ނިންމައިފައެވެ. އެގޮތުން ކަލަންޑަރު ފައިނަލް ކުރުމުގެ އިތުރުން އެފްއޭއެމްގެ ހިންގުން ހަރަދަނާ ކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަންވެސް ވަނީ އެކްސްކޯއިން ނިންމައިފައެވެ.

އެކްސްކޯގެ ދެވަނަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ އިރު، އެ ބައްދަލުވުމުގެ ނިންމުންތައް މީޑިއާތަކާ ވަނީ ހިއްސާ ކޮށްފައެވެ. އޭގެ ތެރެއިން އެއް ނިންމުމަކީ ލީގު ފޯމެޓަށް ގެނައި ބަދަލާއި، ލީގުގެ އުސޫލުތަކެއް ގެނައި ބަދަލެވެ.

އެގޮތުން، 2025-26 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުން އަތޮޅު މުބާރާތްތައް ފެށިގެން، ރީޖަނަލް ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ޓީމުތައް ޕްރޮމޯޓުވާނެ ގޮތާއި، ދިވެހި ޕްރިމިއާ ލީގުން ޓީމުތައް ރެލިގޭޓްވާނެ ގޮތުގެ ފުޓުބޯޅަ ލީގު ސްޓްރަކްޗާއެއް ވަނީ ފާސްކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ފުޓުބޯޅަ ޕިރަމިޑެއް އެކުލަވާލައި، ދިވެހި ޕްރިމިއާ ލީގުގައި ހިމެނޭ 10 ޓީމަކީ ޓޮޕް ޓަޔާ ކަމަށް ކަނޑައަޅައި، ރީޖަނަލް ލީގުތަކަކީ ދެވަނަ ޑިވިޝަން ކަމަށް ވަނީ ކަނޑަައަޅައިފައެވެ. އެ ރީޖަނަލް މުބާރާތްތަކުގައި ހިމެނެނީ ނޯތު ލީގާއި، ސެންޓްރަލް ލީގު، މާލޭ ލީގުގެ އިތުރުން ސައުތު ލީގެވެ.

ނޯތު ލީގަށް ދާނީ ހއ، ހދ އަދި ށ. އަތޮޅު ނިސްބަތްވާ ނޯތު ޒޯނުގެ އެންމެ މޮޅު ދެޓީމާއި ނ، ރ، ބ، ޅ ނިސްބަތްވާ ނޯތު ޒޯން ދޭއްގެ އެންމެ މޮޅު ދެޓީމެވެ. ނޯތު ލީގުގެ ޗެމްޕިއަނަށް ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ.

ސެންޓްރަލް ލީގުގައި ހިމެނެނީ ސެންޓްރަލް ޒޯން އެކަކާއި ދެއެކެވެ. އެކެެއްގައި ހިމެނެނީ ކ، އއ، އދ އެކެވެ. ސެންޓްރަލް ޒޯން ދޭއްގައި ހިމެނެނީ ވ، މ، ފ، ދ އެވެ. އެތަނުންވެސް ދެ ޒޯނުން ރީޖަނަލް ލީގަށް ދާނީ ހަތަރު ޓީމެވެ.

މާލޭ ލީގުގައި 13 ޓީމު ހިމެނޭ އިރު، އެއީ ދެވަނަ ޑިވިޝަނުގެ މުބާރާތެވެ. މާލޭ ލީގަށް ދާނީ ތިންވަނަ ޑިވިޝަނުންނެވެ.

ސައުތު ލީގުގައި ހިމެނެނީ ސައުތު ޒޯން އެކެއް އަދި ދެއެކެވެ. ޒޯން އެކެއްގައި ހިމެނެނީ ތ، ލ އަދި ގއ އެވެ. ޒޯން ދޭއްގައި ގއ، ޏ އަދި ސ އަތޮޅުގެ ޓީމުތަކެވެ. ސައުތު ލީގުގައިވެސް ހަތަރު ޓީމު ވާދަކުރާ އިރު، ކޮންމެ ރީޖަނަލް ލީގެއްގައިވެސް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެލެގުގެ މެޗުތަކެވެ.

ކޮންމެ ރީޖަނަލް ލީގަކުންވެސް ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށްދާ އިރު، އަތޮޅު މުބާރާތްތަކަކީ ތިންވަނަ ޑިވިޝަނެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ އިރު، އެ ލީގުގައި ހިމެނެނީ 2023 ވަނަ އަހަރު ލީގުގައި ކުޅުނު ޓީމުތަކާއި 2025/26 ވަނަ އަހަރުގެ ލީގަށް ޕްރޮމޯޓްވެފައިވާ ޓީމެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިހާރު ހިމެނޭ 10 ޓީމު:

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ކްލަބު އީގަލްސް
  • ބުރު ސްޕޯޓްސް ކްލަބު
  • ކްލަބު ގްރީން ސްޓްރީޓްސް
  • ޓީސީ ސްޕޯޓްސް ކްލަބު
  • ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބު
  • ޔުނައިޓެޑް ވިކްޓަރީ
  • ކްލަބު ވެލެންސިއާ
  • ވިކްޓަރީ ސްޕޯޓްސް ކްލަބު
  • އޮޑި ސްޕޯޓްސް ކްލަބު
5 މޭ 2025، މާލެ، އެފްއޭއެމް ލީގު ކަޕްގައި މާޒިޔާއާއި ނިއުއިން ވާދަކުރި މެޗުގެ ތެރެއިން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ބޯޅައަށް މަސައްކަތް ކުރަނީ ---- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޕްރިމިއާ ލީގުގައި މިފަހަރު ކުޅޭނީ ދެ ބުރެވެ. އެއީ 90 މެޗެވެ. މިހާރު ކަނޑައަޅާފައިވާ ގޮތުން ލީގު ނިމޭއިރު، ގަދަ ހަ ޓީމު އަންނަ 2026/2027 ވަނަ އަހަރު ސީޒަނުގައި ވާދަކުރާނެއެވެ. އަދި މިފަހަރު ދިވެހި ޕްރިމިއާ ލީގުގެ ފުލުގައި ނިންމާލާ ދެޓީމު، މާލޭގެ ރީޖަނަލް މުބާރާތް (ދެވަނަ ޑިވިޝަނަށް) ރެލިގޭޓް ވާނެއެވެ. އަޑި ލީގުގެ ހަތްވަނައާއި އަށްވަނައަށް ދާ ދެޓީމު ކޮލިފިކޭޝަނުގައި ވާދަކުރަން ޖެހޭނެއެވެ. އެ ކޮލިފިކޭޝަނުގައި ކުޅޭނީ ރީޖަނަލް ޗެމްޕިއަނުންނާއި އެ ދެޓީމާއެކު ޖުމުލަ ހަ ޓީމެވެ. އޭގެ ތެރެއިން ލީގަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ.

ކޮލިފިކޭޝަނަށްފަހު ދިވެހި ޕްރިމިއާ ލީގަށް ނުދާ ދެޓީމު ދެން ވާދަކުރަން ޖެހޭނީ އަނެއްކާވެސް ރީޖަނަލް ލީގުގައެވެ.