ޑިމޮކްރަޓިކް މުޖުތަމައެއްގައި، ވެރިކަން ހިންގާ ފަރާތާއި، ގާނޫނު ހަދާ ފަރާތާއި، އަދި ޝަރުއީ ދާއިރާގެ މެދުގައި ބާރުތައް ވަކިކުރެވިފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ތެރެއިން، ޝަރުއީ ނުވަތަ ޖުޑިޝަރީގެ ދާއިރާއަކީ އަދުލު އިންސާފާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމުގެ ބެލެނިވެރިޔާއެވެ. ކޯޓުތަކަށް މި ދައުރު އަދާކުރެވޭނީ، އެތަންތަން ބޭރުގެ ނުފޫޒުން ހާއްސަކޮށް ސިޔާސީ ނުފޫޒުން މިނިވަންވެފައި ވާނަމައެވެ. ޝަރުއީ ދާއިރާގެ މިނިވަންކަމުން ކަށަވަރުކޮށްދެނީ އަދުލު އިންސާފު ހަމަހަމަކަމާއެކު ގާއިމުކުރެވި، ހައްގުތައް ރައްކާތެރިކުރެވި، އަދި ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓިގެންދާކަމެވެ.‎

ޝަރުއީ ދާއިރާގެ މިނިވަންކަމުގެ މާނައަކީ ފަނޑިޔާރުންނާއި ކޯޓުތަކަށް، ހަމައެކަނި ގާނޫނާއި ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މިނިވަންކަން ލިބިގެންވުމެވެ. މިގޮތުން، ސިޔާސީ ފަރާތްތަކާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކާއި، އަދި އެހެނިހެން ބާރުތަކުގެ ނުފޫޒުން އެއްކިބާވެގެން ވާން ޖެހެއެވެ. މި މިނިވަންކަން ދެބަޔަކަށް ބަހާލެވިދާއެވެ. ފަރުދީ މިނިވަންކަން، އެއީ ފަނޑިޔާރުން ހުކުމް ކުރުމުގައި ނުފޫޒުން ސަލާމަތްވެގެންވުމެވެ. އަދި މުއައްސަސާގެ މިނިވަންކަން، އެއީ ޝަރުއީ ދާއިރާ ވަކި އަދި ހަމަހަމަ ބާރެއްގެ ގޮތުގައި މަސައްކަތްކުރާކަން ކަށަވަރުކުރުމެވެ.‎

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) --- ފޮޓޯ/ ޖޭއެސްސީ

ޝަރުއީ ދާއިރާ މިނިވަންވެފައިވާނަމަ، ސަރުކާރުން ގާނޫނާ ހިލާފުވެއްޖެނަމަ، ބާރުގެ ނަހަމަ ބޭނުންކޮށްފިނަމަ، ނުވަތަ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފިނަމަ، އެކަމާ ދެކޮޅަށް ހުކުމްކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. މިކަމުން ޝަރުއީ ދާއިރާއަކީ ވެރިކަން ހިންގާ ފަރާތާއި ގާނޫނު ހަދާ ފަރާތް ޗެކްކޮށް ބެލެންސްކުރާ މުހިންމު ބާރަކަށް ވެގެންދެއެވެ.‎

ސުވާލަކީ ރާއްޖޭގެ ކޯޓުތައް މިނިވަންތޯއެވެ. ޝަރުއީ ދާއިރާގެ ބެލެނިވެރިޔާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންތޯއެވެ. މިއިން އެއްވެސް ތަނަކީ އެއްވެސް ސަރުކާރެއްގައި ފުރިހަމައަށް މިނިވަންކަން ލިބިދީފައިވާ މުއައްސަސާތަކެއްނޫނެވެ. ޖޭއެސްސީގެ ތިބޭ ސިޔާސީ މީހުންގެ ބަދަލުގައި ސިޔާސީ ނޫން މީހުން ޖޭއެސްސީގެ މަގާމުތަކަށް އައްޔަންކުރެވޭ ގޮތަށް ޖޭއެސްސީގެ އިސްލާހު ކުރުމުގެ ވައުދަކީ ނިމިދިޔަ ސަރުކާރުގެ ވައުދެކެވެ. ދައުރު ނިމިގެންދިޔައިރުވެސް އެ ވައުދު އޮތީ ނުފުއްދިއެވެ. މިއަދާއި ހަމަޔަށްވެސް އެކަން އޮތީ އެހެންނެވެ.

މި މައުލޫއާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވި ކުރީގެ ބަންޑާރަ ނައިބު އޮފީހުގެ ވަކީލެއް އަދި މިހާރު އަމިއްލަ ލޯ ފާމެއްގައި މަސައްކަތް ކުރައްވާ ވަކީލަކު ވިދާޅުވީ ޖޭއެސްސީގެ ފޯމޭޝަން ނުވަތަ އޮނިގަނޑު އެކުލަވައިލެވިފައިވާ ގޮތުން، ޖޭއެސްސީގެ ނިންމުންތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އިންތިހާއަށް ހުޅުވިފައިވާ ކަމަށެވެ.

16 ނޮވެމްބަރު 2023، މާލެ، ފަނޑިޔާރުން އައްޔަންކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

"ސަރުކާރުގެ ތަންފީޒީ ނޫނީ މަޖިލީހުގައި ތިއްބަވާ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެންބަރުން ޖޭއެސްސީގައި ތިބޭނެ. އެހެންވުމުން ޖޭއެސްސީއަށް ހަގީގީ މާނައިގައި ސިޔާސީ ނުފޫޒުން މިނިވަން ވެ ތިބެ އިހުލާސްތެރި މަސައްކަތެއް ނުކުރެވޭނެ. ސިޔާސީ މީހުން ތިބޭގޮތަށް ޖޭއެސްސީގެ އޮނިގަނޑު އޮންނަހާ ހިނދަކު ސަރުކާރުތަކުން، ޖޭއެސްސީ މެދުވެރިކޮށް ފަނޑިޔާރުންނާއި ކޯޓުތަކަށް ނުފޫޒު ފޯރުވާނެ." ވަކީލް ވިދާޅުވިއެވެ.

ދާދިފަހުން ހައިކޯޓަށް އައްޔަންކުރަން އުޅުނު ފަނޑިޔާރެއްގެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެގެންދިޔައެވެ. އެ ފަރާތަކީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ކުރީން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ސަރުކާރު ނިސްބަތްވާ ޕީއެންސީ، ކުރީން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ސިޔާސީ މަސައްކަތުގައި އުޅުއްވިއެވެ. ސިޔާސީ ޕޯޑިއަމްތަކުގެ ފަހަތުގައި ވާހަކަދެއްކެވިއެވެ.

އޭގެ ކުރިއަށް ޖެހިލާނަމަ އެމްޑީޕީގެ ސިޔާސީ ކަންކަމުގައި އުޅުއްވި ބޭފުޅަކު ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވިއެވެ. 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ތުޅާދޫ ދާއިރާއަށް ވާދަކުރެއްވި ހިސާން ހުސެއިންގެ ކެމްޕޭނަށް އެމްޑީޕީ ޓީޝާޓު ތުރުކުރައްވައިގެން ވަޑައިގެންނެވި ބޭފުޅަކު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެވިގެންދިޔައެވެ. މިހެންގޮސް ކިޔާނަމަ މިފަދަ އެތަކެއްކަމެއް ފާހަގަކުރެވިދާނެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު -- ވަން ފޮޓޯ: މުހައްމަދު ހައްޔާން

"އޮނިގަނޑު މި އޮންނަ ގޮތުން ޖޭއެސްސީއަށް ފަނޑިޔާރުން އައްޔަން ކުރުމުގައި އިންތިހާއަށް ސިޔާސީ ނުފޫޒު ވަނުމުގެ ފުރުސަތު އެބަ އޮވޭ. ގިނަފަހަރު މަތީ މަރުހަލާގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރަނީ ގާބިލުކަމުގެ މައްޗަށް ބަލައިގެނެއް ނޫން، ސިޔާސީ ވަފާތެރިކަމުގެ މައްޗަށް ބިނާކޮށޭ ބުނެވިދާނެ." ވަކީލު ވިދާޅުވިއެވެ.

ޖޭއެސްސީގެ މައިގަނޑު މަސައްކަަތަކީ ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުން ވަކިކުރުމާއި، ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމެވެ. މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ނިންމަވާ ގޮތަކާ ގުޅިގެން އަމަލުކުރުމަށް އޮންނަ ގޮތަކީ އިސްތިއުނާފު ކުރުމެވެ. ބައެއް ހާލަތްތަކުގައި ރިވިއުކުރުމަށްވެސް އެދެވިދާނެ އެވެ. ފަނޑިޔާރުން ގާނޫނު ތަތުބީގު ކުރުމުގައި ގޯސް ހަދައިފިކަމަށް ނުވަތަ ގާނޫނާ ހިލާފަށް ހުކުމްކޮށްފިނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މަތީ މަރުހަލާގެ ކޯޓުންނެވެ. ސުލޫކީ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމެވި ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހައެއް ނޭޅެނޭއެވެ.

ވަކީލު ވިދާޅުވީ ޖޭއެސްސީގެ މަސައްކަތުގައި އެންމެ ކަންބޮޑުވާން ޖެހޭ އެއްކަމަކީ ސަރުކާރާ ދެކޮޅަށް ހުކުމްކުރާ ފަނޑިޔާރުން ވަކިކުރުމުގައި އަދާކުރާ ދައުރު ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް މަޝްހޫރު މައްސަލަތަކުގައި، ފަނޑިޔާރުން ވަނީ ސަސްޕެންޑް ކުރެވި ނުވަތަ ވަކިކުރެވިފައި ކަމަށާއި އޭގެ ތެރޭގައި ސުޕްރީމް ކޯޓުތަކުގެ ފަނޑިޔާރުންތަކެއްވެސް ހިމެނޭ ކަމަށެވެ.

ވަކީލު ވިދާޅުވި ގޮތުންނަމަ އެފަދަ އަމަލުތަކުން އެހެން ފަނޑިޔާރުންނަށް ދެވޭ ނުރައްކާތެރި މެސެޖެއްް އެބައޮތެވެ.

"ސަރުކާރާ ދެކޮޅަށް ހުކުމް ކޮށްފިނަމަ، ވަޒީފާ ގެއްލުމުގެ ނުރައްކާ އޮތްކަން." ވަކީލް ވިދާޅުވިއެވެ.

3 އޮގަސްޓު 2025، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވި އަބްދުﷲ ޖަމީލު މޫސާ، ފަނޑިޔާރުކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމް --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ޖޭއެސްސީ އަބަދުވެސް އޮންނަނީ ހާމަކަމާއި ޖަވާބުދާރީވުން ގާއިމުކުރުމުގައި ފެއިލިވެފައިކަމަށް އާންމުން ތުހުމަތުކުރެއެވެ. އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ގިނަފަހަރު ކުރިއަށްދަނީ ބަންދު ދޮރުތަކެއްގެ ފަހަތުގައި، އެކަށީގެންވާ ގާނޫނީ އިޖުރާއާތުތަކެއް ނެތިއެވެ. ފާޑުކިޔުމަށް ޖާގަ ލިބިގެންދަނީ އެ ސަބަބާ ހެދިއެވެ.

ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިބިގެންދާނީ ސިޔާސީ ނުފޫޒުން މުޅީން މިނިވަންވެ، ވީހާވެސް ހާމަކަން ބޮޑު ގޮތަކަށް އެ ދާއިރާގެ ކަންކަން ބައްޓަންކުރުމުންނެވެ. ފަނޑިޔާރުންނާ ގުޅޭގޮތުން ބަލާ ސުލޫކީ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާނަމަ ޖޭއެސްސީއަށް އަމާޒުވާ ތުހުމަތުތައް ސިޔާސީ މީހުން ތިއްބަސް ކޮންމެވެސް ވަރަކަށް މަދުކުރެވޭނެވެ.

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރުމަކީ މި ސަރުކާރުގެވެސް ވައުދެކެވެ.އެހެން ނަމަވެސް އެކަމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.

25 އޮގަސްޓް 2024، މާލެ، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ---- ފޮޓޯ: ރައީސް އޮފީސް

ނަމަވެސް އެޓާނީ ޖެނެރަލް އަދި ޖޭއެސްސީގެ މެންބަރުގެ މަގާމުގައިވެސް ހުންނަވާ އަހުމަދު އުޝާމް ވިދާޅުވާ ގޮތުންނަމަ "ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސްލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރު 2023 އިން ފެށިގެންނެވެ.

އުޝާމްގެ އެ ވާހަކަތަކަށް ކޮންމެވެސް ވަރަކަށް ބާރުދެނީ ޖޭއެސްސީން ހާމަކޮށްފައިވާ މައުލޫމާތުތަކުންނެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 2023 ނޮވެމްބަރުން ފެށިގެން އެ ކޮމިޝަނުން ފަނޑިޔާރުންނާ ގުޅުން ހުރި މައްސަލަތައް ބެލުން ވަނީ ބޮޑުތަނުން މަދުވެފައިކަން އެނގެއެވެ..

ޝަރުއީ ދާއިރާގެ މިނިވަންކަން ނެތީ ކުރީ ސަރުކާރުގައި ކަމަށް ވިދާޅުވެ ފަރުޖައްސައިލުމަށްވުރެ މައްސަލައިގެ ސީރިއަސްކަން ބޮޑެވެ. ވެރިކަމުގެ ބާރުންވެސް އަދި ގާނޫނު ހެދުމުގެ ބާރުވުންވެސް ރައްޔިތުން ދީފައިވާ ބާރަށް ހިޔާނަތްތެރިވެއްޖެނަމަ އެކަމެއްގައި ފަހުބަސް ބުނަނީ ޝަރުއީ ދާއިރާއިންނެވެ. ކޯޓުތަކުންނެވެ. ޝަރުއީ ދާއިރާގެ މިނިވަންކަން މުހިންމު ވަނީ މި ސަބަބަށް ޓަކައެވެ. ރައްޔިތުންނާމެދު ބޭއިންސާފު ވެގެންދާއިރު އިންސާފުގެ އެންމެފަހު އުންމީދަކީ ކޯޓުތައްކަމަށް ވުމުންނެވެ. ޖޭއެސްސީގެ މިނިވަންކަން މުހިންމު ވަނީ ފަނޑިޔާރުންގެ އަހުލާގު ހިފަހައްޓައި، ފަނޑިޔާރުގޭގެ މުސްތަގިއްލުކަން ދަމަހައްޓައިދޭ މުއައްސަސާއަށް ވުމުންނެވެ.