އިންޑިއާގެ ޓެމިލް ނާޑޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި އިއްޔެ ކުރިއަށް ދިޔަ ފިރިހެން އޯޕަން ފުރަތަމަ ބުރުގެ ހީޓުތަކުގެ ތެރެއިން، ހީޓް 11 އިން އެއްވަނަ ހޯދައި، އަހުމަދު އާގިލް (އަންމަޑޭ) ތިންވަނަ ބުރުން ޖާގަ ހޯދައިފިއެވެ.

މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ޖުމުލަ 19 ގައުމަކުން 121 އެތުލީޓުން ވާދަކުރަމުން ދެއެވެ. މިއަހަރު އޭޝިއަން ސާފިން އިވެންޓް، ޓަމިލް ނާޑޫގެ މަހަބަލިޕޫރަމްގައި ކުރިއަށްދާ އިރު، އެ އިވެންޓް ވެގެންދާނީ އަޗީ-ނަގޯޔާގެ އޭޝިއަން ގޭމްސް 2026 އަށް ސާފިންއިން ކޮލިފައިވާން ލިބޭ ފަހު ފުރުސަތަށެވެ. މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕާއެކު ރާއްޖެއަށް ވަނީ ކޮލިފިކޭޝަން ސްލޮޓްތަކެއް ޔަގީންވެސް ވެފައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އަންމަޑޭ، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) އެވެ.

އިއްޔެ ކުރިއަށްދިޔަ އެއްވަނަ ބުރުގެ ހީޓުތަކުގެ ތެރެއިން ދެވަނަ ހީޓުގައި ރާއްޖޭގެ ސްމައިލީ ވާދަކޮށްފައިވާ އިރު، އެ ހީޓުން ސްމައިލީ ދިޔައީ ދެވަނައަށެވެ. އެއީ 7.50 ގެ ސްކޯއަކުންނެވެ. އެ ހީޓުގެ އެއްވަނަ ހޯދީ މެލޭޝިއާގެ ލޫކަސް ސަންޓިއާގޯއެވެ. އެއީ 11.37 ގެ ސްކޯއަކުންނެވެ.

ދެވަނައާއެކު ސްމައިލީއަށް ރެޕޯ ހީޓުތަކުން ފުރުސަތު ލިބިފައިވާ އިރު، އަދި ތިންވަނަ ބުރަށް ފުރުސަތު އެބައޮތެވެ.

ރާއްޖޭގެ ހޫދަށްވެސް އޮތީ ރެޕޯ ހީޓުން ޖާގަ ލިބިފައެވެ. އެއީ ހީޓް ހައެއްގެ ދެވަނަ ހޯދައިގެންނެވެ. ހޫދަށް 6.76 ގެ ސްކޯއެއް ލިބިފައިވާ އިރު، އެ ހީޓުގެ އެއްވަނައަކީ ދެކުނު ކޮރެއާގެ ޖުން އުޖިއޯންގެވެ. އޭނާގެ ސްކޯއަކީ 9.60 ގެ ސްކޯއެކެވެ.

އަންމަޑޫގެ ހީޓުން އޭނާ އެއްވަނަ ހޯދީ 7.67 ގެ ސްކޯއަކުންނެވެ. އެ ހީޓުގައި ދެން ވާދަކުރީ ސިންގަޕޫރުގެ ޖޫލިއެން ސްޕެކާއި ލުބުނާނުގެ އަލްފްރެޑް ބަދުރެވެ.

މިދިޔަ ދެ އަހަރުވެސް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ އިރު، މިއީ ރާއްޖޭގެ އެތުލީޓުން އެހެން ގައުމެއްގައި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރު ރާއްޖޭގެ ޓީމަށް އިރުޝާދު ދޭނީ ކުރިން އޭޝިއާ މުބާރާތުން ލޯ މެޑަލް ހޯދި، ހުސެއިން އަރީފް (އިބޫ)އެވެ.