ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ބޮޑީބޯޑިން ގައުމީ ލީގުގެ ދެވަނަ އިވެންޓުގެ ގޮތުގައި ކުރިއަށް ގެންދަން ރާވާފައިވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައި ޖުމުލަ 21 އެތުލީޓުން ވާދަކުރާނެކަން އިއުލާނު ކޮށްފިއެވެ.
މިއަހަރު ބޮޑީބޯޑިން ކަލަންޑަރު ފުރަތަމަ އިއުލާނުކުރި އިރު، ފުރަތަމަ އިވެންޓް ބުރުނު ޝިކާރަށްފަހު ދެން ތާވަލުކޮށްފައި އޮތީ ފުވައްމުލަކު މުބާރާތެވެ. އެހެން ނަމަވެސް ތާވަލަށް ބަދަލު ގެނެސް، ފުވައްމުލަކު އިވެންޓްގެ ބަދަލުގައި މިހާރު ވަނީ ލަބެރަ ބޮޑީބޯޑިން ޗެލެންޖް، މިއަދު ފަށައިފައެވެ.
ވަރުނުލާ ރާޅުގަނޑުގައި މިއަދު ހީޓްތައް ފަށާފައިވާ އިރު، މިފަހަރުގެ އިވެންޓުގައި ޖުމުލަ 21 އެތުލީޓުން ފެނިގެންދާނެއެވެ. އެއީ މާލޭ ސިޓީގެ އަށް އެތުލީޓުންގެ އިތުރުން ނ. ޅޮހީގެ ތިން އެތުލީޓުންނާއި ފުވައްމުލައް ސިޓީ، ލ. ގަމުގެ އިތުރުން ށ. ކަނޑިތީމުން ކޮންމެ ރަށަކުން ދެ އެތުލީޓުން އަދި ނ. މާފަރާއި މ. ވޭވަށް އަދި ކ. ދިއްފުށިން ކޮންމެ ރަށަކުން އެތުލީޓެކެވެ.
ބޮޑީބޯޑިން އެސޯސިއޭޝަނުން މީގެ ކުރިންވެސް ބާއްވާފައިވާ ލަބެރަގެ މިއީ ހަތަރުވަނަ އެޑިޝަނެވެ. މިދިޔަ އަހަރު ލަބެރަ އެނބުރި އައިސްފައިވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ލަބެރަގެ ނަމުގައި ބޮޑީބޯޑިން ޗެލެންޖެއް އެންމެ ފުރަތަމަ ވަރުނުލާ ރާޅުގަނޑުގައި ހޯސްޓް ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
މިދިޔަ އަހަރު ބޭއްވި ލަބެރަ ބޮޑީބޯޑިން ޗެލެންޖުގެ ފިރިހެން އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގެ ޗެމްޕިއަނަކީވެސް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ބޮޑީބޯޑަރު އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)އެވެ. އެއީ އައްޔަ ލަބެރަގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރުވެސް މެއެވެ.
އެމްބީބީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް ލަބެރަ ޗެލެންޖްގައި އޯޕަން ބައިގެ އިތުރުން ޖޫނިއާ އަދި ޑްރޮޕް ނީ ކެޓަގަރީ ކުރިއަށްދާނެއެވެ. ލަބެރަ ޗެލެންޖަކީ 1000 ޕޮއިންޓުގެ އިވެންޓެކެވެ.
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)