ޑިއުޓީ މާފުކޮށްގެން ރާއްޖެ އެތެރެކޮށްފައިވާ އެއްގަމާއި ކަނޑުގައި ބޭނުންކުރާ ބަރު އުޅަނދުފަހަރާ ބެހޭ މައުލޫމާތު، 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކުރަން ކަސްޓަމްސް ސާވިސްއަށް އަންގަން މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަބްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެގޮތަށް ކަސްޓަމަށް އަންގަން ޖެހުނީ، ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިން ޕްރޮޖެކްޓް)ގެ ތެެރެއިން ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކޮމިޓީން ބަލަމުންދިޔަ އިރު، އެ ޕްރޮޖެކްޓަށް ޑިއުޓީ މާފުކޮށްގެން ކަސްޓަމުން ނެރެފައިވާ އުޅަނދުތައް ކުއްޔަށްދީގެން އެހެން ބަޔަކު އެއިން މަންފާ ހޯދަމުންދާތީ ކަމަށެވެ.

"މި ޕްރޮޖެކްޓަށް ޑިއުޓީ މާފުކޮށްގެން ނެރެފައި ހުރި މުދާތައް ނެރުނީ ފުލުހުން އެދިގެން، އެކަމަކު ފުލުހުންނަށް އެ އެއްޗެހި ބެލެހެއްޓިފައެއް ނެތް، ރަޖިސްޓްރީ ކުރެވިފައެއް ނެތް، އެހެންކަމުން އެތަކެތި ކުއްޔަށްދީގެން އޭގެ މަންފާ އެެހެން ބަޔަކު ހޯދަމުންދަނީ އެކި ގޮތްގޮތަށް އެތަކެތި ބޭނުން ކުރަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، އެގޮތަށް ކަސްޓަމަށް އަންގަން ކޮމިޓީން ފާސްކުރަން ޖެހުނީ، އެ ފަރާތްތަކުން އެގޮތަށް ކަންތައް ކުރުމުން ޓެކްްސް ދައްކައިގެން އުޅަނދުފަހަރު އެތެެރެކޮށްގެން ސައްހަ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކަށް ގެއްލުންވަމުންދާތީ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ކަސްޓަމަށް މިހާރު މި އަންގަނީ އެ ޕްރޮޖެކްޓުތަކަށް ޑިއުޓީ މާފުކޮށްގެން ރީ އެކްސްޕޯޓްކުރާ ގޮތަށް އެތެރެކޮށްފައިވާ ޑްރެޖަރު، ޓަގު، އަދި ބާޖު ފަދަ ކަނޑު އުޅަނދުފަހަރުތަކާއި އެކްސްކަވޭޓަރުތަކާއި، އުޅަނދުފަަހަރުގެ ލިސްޓަކާއި އެތަކެތީގެ މިހާރުގެ ސްޓޭޓަސް އެނގޭނެ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަން،" އޭނާ ވިދާޅުވިއެވެ.

ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ކޮރަޕްޝަން މައްސަލަ ބަލައި ސަބް ކޮމިޓީން ނިންމި ނިންމުންތައް ހިމެނޭ ރިޕޯޓު ދެން ފޮނުވާނީ މާލިއްޔަތު ކޮމިޓީއަށެވެ. އެ ރިޕޯޓު މަޖިލިސް ތަޅުމަށް ދާނީ މާލިއްޔަތު ކޮމިޓީން ފާސްކޮށްގެންނެވެ.