މާލިއްޔަތު ކޮމެޓީން ވަކިކުރި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަދި ވެރިކަންކުރާ ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ގައުމީ ތަރައްގީ ކޮމިޓީގެ މުގައްރިރަކަށް އައްޔަންކޮށްފިއެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ތައްޔާރު ކުރި ކަމަށް ބުނާ ރިޕޯޓެއް ލީކުވި މައްސަލަ ފުލުހުން ބަލަން ފަށާފައިވަނިކޮށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ވަނީ ޝުޖާއު ވަކިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ވަނީ، މާލިއްޔަތު ކޮމެޓީގައި އިންނެވި ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން އިއުލާނުކުރައްވައިފައެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަކަށެވެ.

ޝުޖާއު އެ ކޮމިޓީން ބަދަލުކޮށްފައިވަނީ ޑޮލަރުގެ މައްސަލައިގައި މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެ ކޮމިޓީއަށް ހާޒިރުކުރަން ތަވާލުކޮށްފައި އޮއްވައެވެ. އެ ބައްދަލުވުން ބޭއްވީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމެއްވެސް މިއަދު ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް ޝުޖާ ވަނީ އިންތިހާބުކޮށްފައެވެ.

އޭނާ މުގައްރިރަކަށް ހަމަޖައްސަން ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސއިން ހަމީދެވެ.

ކޮމިޓީ މުގައްރިރަކަށް އިންތިހާބު ކުރުމާ ގުޅިގެން ކޮމިޓީ މެންބަރުންނަށް ޝުކުރު އަދާކުރައްވައި ޝުޖާ ވިދާޅުވީ، މެންބަރުންގެ މަޝްވަރާގެ މަތިން ކޮމިޓީއަށް އަންނަ މައްސަލަތަކުގެ ފުރިހަމަ ދިރާސާތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ހިންގާފައިވާ މުއާމަލާތަކާ ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އެފްއައިޔޫގެ ރިޕޯޓު ސޯޝަލް މީޑިއާގައި ލީކުކޮށްލި ފަހުންނެވެ.

ޝުޖާއުގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އިތުރު ކުންފުނިތަކަކުން ހިންގި މުއާމަލާތްތަކާ ގުޅޭ ގޮތުން އެފްއައިޔޫ އިން ތައްޔާރު ކުރި ކަމަށް ބުނާ މި ރިޕޯޓް ސޯޝަލް މީޑިއާގައި ލީކު ވެފައިވަނީ މިިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ރިޕޯޓު ދޮގުކުރައްވައި "އެކްސް"ގައި ޝުޖާއު ވިދާޅުވީ އެކަމަކީ އޭނާ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް ކަމަށް ދެކެވަޑަައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ ކުންފުންޏަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ހިންގަމުންދާ ކުންފުންޏެއް ކަމަށެވެ.

"ފަތުރަމުން ދަނީ އަސްލެއްކަމެއް ނުވަތަ ފޭކެއް ކަމެއް ދަންނަވަން އަޅުގަނޑަށް ނޭނގެއެވެ. ސަބަބަކީ އެކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ރަސްމީ އިދާރާއަކުން އަޅުގަނޑަށް ލިބިފައި ނުވާތީއެވެ. އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި އެ މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއްކަމުގައި ދެކެމެވެ." ޝުޖާއުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އެ ތަހުގީގީ ރިޕޯޓަކީ ޝުޖާއު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާފިޒު އަދި އޮފިޝަލް އިވެންޓްސްގެ ހިއްސާދާރެއް އަދި ޕީއެސްއެމްގެ ބޯޑު މެންބަރު އަހުމަދު އަދުހަމްއާ ބެހޭގޮތުން އެކުލަވާލެވިފައިވާ ރިޕޯޓެކެވެ. ނާފިޒަކީ ޝުޖާއުއާ އާއިލީ ގުޅުން އޮންނަ މީހެކެވެ.

އެފްއައިޔޫ އިން ތައްޔާރުކޮށް އަދި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓުގައިވާ ގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތްކޮށްފައިވެއެވެ.