ރާއްޖެ ވަންނަ ކަނޑުގެ އުޅަނދުތައް ފަސޭހައިން ދެނެގަނެވޭނެ ޔުނިވާސަލް އޮޓޯމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަންގެ ސީޕޯޓު ޑިވިޝަނުގައި ގާއިމުކޮށްފިއެވެ.

ޔޫއޭއައިއެސް އަކީ ކަނޑު ބޯޓު ވަދެ ނުކުމެ އުޅޭއިރު ޓްރޭސް ކުރާ ސިސްޓަމެކެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެ ސިސްޓަމް އިމިގްރޭޝަނުގައި ގާއިމުކުރުމާ ގުޅިގެން އެ އިދާރާގެ މަސައްކަތްތަކުގައި ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް ރާއްޖެއަށް ވަންނަ ކަނޑު އުޅަނދުފަހަރުގެ އީޓީ ލިބޭނެ ކަމަށެވެ.

"ކުރީގައި އަމަލުކުރާގޮތަކީ އީޓީ ލިބުނީމަ ގުޅުންހުރި އެހެން މުއައްސަސާތައް، އެމްޕީއެލް، ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ބޯޓު ވަންނަ ގަޑިއަށް އޮފިސަރުން ތައްޔާރުކޮށް ބޯޓަށް ދިއުމަށް ތައްޔާރުވަމުންދަނީ. އެ ބޯޓު ފަހަރު ފުރައިގެންދިޔަތޯ، ބޯޓު އޮތީ ކޮން ހިސާބެއްގައިތޯ، ރާއްޖެއަށް ވަންނަން އައި ބޯޓު އަންނަން ކިހާ ހިސާބެއްގައި އޮތްތޯ މިހާރު ދެނެގަނެވޭނެ. ކެޕޭސިޓީ ބިލްޑު ކުރުމުގެ ގޮތުން އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް މީއީ،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ އެ އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށާއި އެ ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.