ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް އުފައްދާ ޓޫރިޒަމް ޓްރަސްޓް ފަންޑާ ގުޅޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.
އެ ގަވާއިދު ގެޒެޓުކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ގަވާއިދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މައިގަނޑު މަގުސަދަކީ، ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދީ، ރައްޔިތުންނަށް ދެމެހެއްޓެނިވި މަންފާ ހޯދައިދިނުމެވެ. އެގޮތުން ފަންޑު ގާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
މިނިސްޓްރީން ބުނީ އެ ފަންޑަށް ލިބޭ އެހީތެރިކަން އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފަންޑުން ލިބޭ ފައިދާ ދާއިރާގެ ކުރިއެރުމަށް ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ޓްރަސްޓް ފަންޑުގެ ތެރެއިން، ރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ވަސީލަތްތައް ކުރިއަރުވައި ތަރައްގީކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ތަމްރީނުތަކާއި، ތައުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ދިނުން ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ވަޒީފާގެ ފުރުސަތުތައް ލިބި، ދާއިރާގައި ދިވެހީންގެ ބައިވެރިވުން އިތުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ގަވާއިދުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގާނީ އެ ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓްރީންނެވެ. ފަންޑު ހިންގަންވާނީ ޓޫރިޒަމާ ބެހޭ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގާނޫނާއި ކަމާބެހޭ އެހެނިގެން ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން، އެހެނިހެން ފަންޑުތަކާ ވަކީން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ޓްރަސްޓު ފަންޑުގެ ހިންގާ ކޮމިޓީ އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ މިނިސްޓަރު ކަނޑައަޅައި އައްޔަންކުރާ، ވަކި ދާއިރާތަކެއް ތަމްސީލުކުރާ ހަތް މެންބަރުންނެވެ. އެ ދާއިރާތަކަކީ؛
- ރައީސް އޮފީސް
- ޓޫރިޒަމް މިނިސްޓްރީ
- ފިނޭންސް މިނިސްޓްރީ
- އިކޮނޮމިކް މިނިސްޓްރީ
- އެޓާނީ ޖެނެރަލްގެ އޮފީސް
- ހައުސިން މިނިސްޓްރީ
- މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް