ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތިން ކޮޓަރީގެ ފުލެޓު ލިބޭނީ 76 އަށްވުރެ މަތިން މާކްސް ލިބޭ މީހުންނަށް ކަމަށް ކުރީ ސަރުކާރުން ނިންމާފައިވީ ނަމަވެސް، އޭގެ ތެރެއިން ގުރުއަތު ނުނަގައި ތިބި މީހުން ތިބުމުން، އެ މީހުންނަށް ފްލެޓު ހަމަޖައްސައިދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސްއަށްވުރެ މަތިން ލިބުނު ބަޔަކަށް ފުލެޓު ކަނޑަނާޅައި 75 މާކްސް ލިބުނު ބަޔަކަށް ގުރުއަތު ނަގައި ފުލެޓު ކަނޑައަޅާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތަކީ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތާއި ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތެވެ. އެފްޑީސީން ފުލެޓުތައް ދެނީ ކުރީ ސަރުކާރުން ނެގި ގުރާ އެއްގޮތަށް، އޭރު ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތަށެވެ.
އެކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނީ ކުރީ ސަރުކާރުން ގުރުއަތު ނެގި އިރު، 76 މާކްސްއަށްވުރެ މަތިން ލިބުނު ބައެއް މީހުން ގުރުއަތުގައި ހިމަނާފައި ނުވާ ކަމަށެވެ. އެެެހެންކަމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.
ކުރީ ސަރުކާރުން 15 ނޮވެންބަރު 2023 ގެ އިއުލާނާއެކު ގެޒެޓުގައި ޝާއިއުކޮށްފައިވާ ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.
އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓު ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބޭ ފުލެޓުތައް ކަނޑައެޅުމަށް 2023 ނޮވެންބަރު 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، 76 އަށްވުރެ މަތިން މާކްސް ލިބި ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކެއް ހުރިކަމަށް މި މިނިސްޓްރީއަށް ވަނީ ފާހަގަކުރެވިފައެވެ..،" އިއުލާނުގައި ބުންޏެވެ.
މިނިސްޓްރީން ބުނީ 76 އަށްވުރެ މަތިން މާކްސް ލިބިފައިވާ ބައެއް ފަރާތްތަކަށް ފުލެޓު ކަނޑައަޅާފައި ނުވަނީސް، 75 އަށްވުރެ މަތިން މާކްސް ލިބުނު ބައެއް ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގައި އެ ފަރާތްތަކަށް ފުލެޓު ކަނޑައަޅާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުރީ ސަރުކާރުގެ އެ އިއުލާނުން 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަކީ ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކަށްވާތީ، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައަޅައި އެ މަރުހަލާ ނިމުމުން، 75 މާކްސް ލިބުނު ފަރާތްތަކުގެ ފްލެޓާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުންޏެވެ.
ފާތިމަތު ލިއުޝާ
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން
ފަހި ދިރިއުޅުން ކޯޕަރޭޝަން