ރ. މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތުގެ ދަށުން އާތުވޯކް މަސައްކަތް ނިންމައިފިއެވެ.

މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފައިވަނީ މިއަހަރުގެ އެޕްރިލް 9 ގައެވެ.

އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްގެންދަނީ ފުރާޅުގެ އޮނިގަނޑާއި ކޮންކްރީޓް މަސައްކަތް ކަމަށެވެ.

ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ޕޮލިސް ސްޓޭޝަންތައް އިމާރާތް ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރީ 21 ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ހެދުމުގެ މަސައްކަތެވެ.

އެ މަސައްކަތުގެ ދަށުން މާކުރަތުގައި ޕޮލިސް ޕޯސްޓް އިމާރާތް ކުރާ ބިން ސާފުކުރުމުގެ މަސައްކަތް އެމްޓީސީސީން މިދިޔަ މަހުގެ 26 ގައި ފަށައިފައިވާ ކަމަށް އެ ކުންފުނީގެ "ނޭޝަނަލް އިންފްސްރަކްޗާ ޑިވެލޮޕްމަންޓް" އިން ދައްކައެވެ.

3 އޮގަސްޓް 2025: ރ. މާކުރަތު ޕޮލިސް ޕޯސްޓުގެ މަސައްކަތް --- ފޮޓޯ/ އެމްޓީސީސީ

މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތް ހެދުމުގެ މަޝްރޫއުގެ އަގުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ 46 ރަށެއްގައި ޕޮލިސް ސްޓޭޝަން ނެތްކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުން އެދޭގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވެފައިވަނީ ޕޮލިސް ސްޓޭޝަންތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދެ އަހަރުތެރޭ ޕޮލިސް ސްޓޭޝަންތައް ގާއިމުކޮށް ނިންމުމުގެ މަސައްކަތްކުރާނެ ކަމަށެވެ.