ރ. މާކުރަތާއި އެ އަތޮޅު އިންނަމާދޫގައި ޕޮލިސް ޕޯސްޓް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ ކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއުއެވެ.
ރ. މާކުރަތާއި އެ އަތޮޅު އިންނަމާދޫގައި ޕޮލިސް ޕޯސްޓް ހަދަން އެމްޓީސީސީއާ ހަވާލުކުރި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުގެ ތެރެއިން އިއްޔެ ވާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށެއްގެ އާބާދީ އާއި އިގުތިސޯދާއި ރަށުގެ ބޭނުންތަކަށް އެންމެ އެކަށޭނަ ޕޮލިސް ޕޯސްޓެއް ނުވަތަ ޕޮލިސް ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ގާއިމް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
"އަމާޒަކީ މި ފެށިގެންދާ އަހަރު ނިމެންވާ އިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ދާއިރުގައި މުޅި ރާއްޖޭގައި ވެސް ކޮންމެ ރަށެއްގައި ވެސް އެރަށެއްގައި އެންމެ އެކަށީގެންވާ ފެންވަރުގެ ޕޮލިސް ހިދުމަތް ދެވޭނެ އަމިއްލަ ތަނެއް، ތަނެއް ކުއްޔަށް ހިފައިގެންނެއް ނޫން، އަމިއްލަ އިމާރާތެއް އެކަމަށް އެންމެ އެކަށީގެންވާ ފެންވަރެއްގައި ގާއިމް ކުރުން. އެކަމަށް ބޮޑު މަޝްރޫއެއް ފެށިފައި އޮތީ،" ރައީސް ވިދާޅުވެފައިވެއެވެ. .
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުސް ޕޯސްޓު ގާއިމްކުރުމަކީ، ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައެޅި ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައިވެސް ހިމެނޭ ކަމެކެވެ.
އެ ޕްލޭންގައި ވަނީ ނޭބާހުޓް ޕޮލިސިން އިތުރަށް ތަރައްގީ ކުރުމަށްޓަކައި ލޯކަލް ޕޮލިސިން ސްޓްރެޓެޖީއެއް އެކުލަވާލައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތަންފީޒުކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު