ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އޮޅުހިޔާ" އަށް އިތުރު ބުޅާތަކެއް ގެންގޮސް، އެ ތަނުގައި ބަލަހައްޓާ ބުޅާތަކުގެ އަދަދު 110 އަށްވުރެ އިތުރުވެއްޖެއެވެ.

ދަނޑުވެރިވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން "ވަން" އަށް ބުނީ، އިއްޔެ ކުރިއަށްގެންދިޔައީ މާލެ މަގުމަތީ އުޅޭ ބުޅާތަކުގެ ތެެރެއިން ބައެއް ބުޅާތައް ނެގުމުުގެ މަސައްކަތް ކަަމަށާއި މިއަދު ކުރިއަށްގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކަމަށެވެ.

އޮޅުހިޔާ ފެސިލިޓީގެ ކަރަންޓީން ބައިގެ ޖާގަ އިތުރުކޮށް، މާލެ ތެރެއިން އިތުރު ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް، ވިއްސާރައާ ގުޅިގެން މެދުކެނޑާލުމަށްފަހު، އަލުން އިއްޔެ ވަނީ އެ މަސައްކަތް ފަށައިފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ އޮޅުހިޔާ ފެސިލިޓީ ފަށައިގަތް އިރު، އެތަނުގެ ކަރަންޓީން ޖާގައިގައި، ކަރަންޓީން ކުރެވޭނެ ވަސީލަތެއް ނެތް ކަމަށާއި އެހެންކަމުން ކޭޖުތައް ތައްޔާރުކޮށް ފުރަތަމަ 15 ބުޅާ ވެއްދި ކަމަށެވެ.

"އޭގެ ފަހުންވެސް އެކި ފަހަރުމަތިން ބުޅާތައް ވަނީ ފެސިލިޓީއަށް ނަގާފައި. ކަރަންޓީންގައި ވަކި މުއްދަތެއް ވަންދެން ބުޅާތައް ބައިތިއްބަން ޖެހޭ. އެހެންކަމުން އެތަނުގެ ޖާގަ އެކި ފަހަރުމަތިން އިތުރުކުރަމުން ގޮސް، މިހާރު އެއްފަހަރާ 100 ބުޅާ ކަރަންޓީން ކުރެވޭވަރަށް ޖާގަ ވަނީ އިތުރުކޮށްފައި،" މިނިސްޓްރީން ބުންޏެވެ.

3 އޮގަސްޓު 2025: މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް، ހުޅުމާލެ ބުޅާ ފެސިލިޓީއަށް ގެންދަން ކުރިއަށްގެންދާ ހަރަކާތް --- ފޮޓޯ/ ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީ

މާލޭގެ އެކި ސަރަހައްދުތަކުގައި ވީއްލިގެން އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ވެސް މިދިޔަ މަހުގެ 28 ގައި ވަނީ ފަށައިފައެވެ. އެ ފަހަރު މާލޭގެ އެކި ސަރަހައްދުތަކުން އޮޅުހިޔާގެ ކަރަންޓީނަށް ބުޅާތައް ގެންދިޔައެވެ.

މިނިސްޓްރީން ބުނީ މޫސުން ގޯސްވުމާއެކު، މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އިއްޔެ އެ މަސައްކަތް އަލުން ފެށި އިރު، ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ކޮށިތަކަށް ބަދަލުކޮށްފައިވާ ކަމަށާއި ފެސިލިޓީއަށް ޖުމުލަ 75 ބުޅާ ނެގި ކަމަށެވެ. އޭގެ ތެރެއިން އިއްޔެ ހަވީރު މާލޭގެ މެރީ ބްރައުން ސަރަހައްދުންނާއި ނެގި ބުޅާތަކާއި ހުޅުމާލޭގެ އެކި ސަރަހައްދުން ރޭ ނެގި ބުޅާތައް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ވިއްސާރަވުމުން މަސައްކަތް ހުއްޓާލި އިރު، ޖުމުލަ 37 ބުޅާ މިއަދު ވަނީ ނަގާފައި. އެހެންކަމުން މިހާރު ފެސިލިޓީގައި ތިބި ބުޅަލުގެ އަދަދަކީ ޖުމުލަ 112. މާލޭގެ އެކި ސަރަހައްދުތަކުން ވީއްލިގެން އުޅޭ ބުޅާތައް ފެސިލިޓީއަށް ނެގުމުގެ މަސައްކަތް މާދަމާވެސް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައި. އަދި ކަރަންޓީން މަރުހަލާ ނިމުމަށްފަހު ބުޅާތައް ލާންޖެހޭ ކޮށިތަކުގައި އިތުރަށް ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައްވެސް އަންނަނީ ކުރަމުން،" މިނިސްޓްރީން ބުންޏެވެ.