އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފިއެވެ.

އެމްއެމްއޭއިން މިއަދު ބުނީ މި ބަދަލަކީ، އެމްއެމްއޭގެ ހިންގުން ހަރުދަނާ ކުރުމަށް ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން ގެނައި ބަދަލެއް ކަމަށެވެ. އަދި އެމްއެމްއޭއިން ބުނީ ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.

އޭނާ އެ މަގާމަށް ބަދަލުކޮށްފައި މިވަނީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް ކުރިން ހުންނެވި އަބްދުﷲ އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރުމަށްފަހުގައެވެ.

އެމްއެމްއޭއިން ބުނީ އަޝްރަފް އެމަގާމަށް ބަދަލުކުރީ މިދިޔަ މަހުގެ 31 އިން ފެށިގެން ކަމަށެވެ.

ނަމަވެސް އަޝްރަފްގެ މަގާމު ބަދަލުކޮށްފައި މިވަނީ، ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުއަށް، ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވެފައިވަނިކޮށެވެ.

މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ.