ދިރާގު ކަސްޓަމަރުންނަށް މި ފަހަރު ދެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްރޮމޯޝަން ވަނީ ފަށައިފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި 'ވިން އަ ޓެސްލާ' އަދި 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންތަކަށް ލިބުނު ތަރުހީބަށްފަހު މި އަހަރު ވެގެންދާނީ މިފަދަ އަގު ބޮޑު އިނާމެއް ކަސްޓަމަރުންނަށް ލިބިގެންދާ ޕްރޮމޯޝަން ކުރިއަށްގެންދާ ތިންވަނަ އަހަރަށެވެ.

ދިރާގުން މިއަދު ބުނި ގޮތުގައި 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އާ ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:

  • ދިރާގު ޕްރީޕެއިޑް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލޯޑރީލޯޑްކުރާ ކަސްޓަމަރުން،
  • ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް
  • އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް
  • ދިރާގު ލިމިޓެއް ނެތް ފައިބާ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް

ދިރާގުން ބުނި ގޮތުގައި ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް https://bit.ly/Dhiraagu-Win2Speedboats މެދުވެރިކޮށް މިއަދުން ފެށިގެން ބައިވެރިވެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި 31 މާރިޗު 2026ގެ ކުރިން އެންރޯލްކުރެވޭނެ ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ހިމެނޭނެ ކަމަށެވެ.

މި ޕްރޮމޯޝަނާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝަން ހަސަން ވިދާޅުވީ ކުރީބައިގައި މި ޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނާއި އަދި ދިރާގުޕޭއަށް ރަޖިސްްޓްރީ ކުރާ ކަސްޓަމަރުންނަށް މި އިނާމް ހާސިލްކުރުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށެވެ.

"މިދިޔަ އަހަރުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބާއި އެއްބާރުލުން ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މި ތަރުހީބުގެ މައްޗަށް ބިނާކޮށް މި އަހަރު 2 ސްޕީޑްބޯޓް ދިނުމަށް ވަނީ ހަމަޖެހިފައި. މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަ މަހަކުން އެއް ސްޕީޑްބޯޓް ލިބިގެންދާނެ." މިރުޝާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމުގެ އެންމެ ބޮޑު ބަޔަކީ ކަނޑު ކަމުގައިވާ އިރު، މިއީ ހަމައެކަނި އަގު ހުރި އިނާމެއްގެ އިތުރުން އަޅުގަނޑުމެންގެ ދިރިއުޅުމާ ވެސް ގުޅިފައިވާ އިނާމެއް. އެހެންކަމުން، މިއީ ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދޭ ތަޖުރިބާތައް ފޯރުކޮށްދިނުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއް"

މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://www.dhiraagu.com.mv/win2speedboats ލިބޭނެއެވެ.