ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު އައްޔަނު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމަށް ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އުއްތަމަ ފަނޑީޔާރުކަމުގެ މަގާމު ހުސްވީ، މީގެކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން އެ މަގާމުން މިދިޔަ މަހުގެ 21 ގައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލި ފުރުސަތު މިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް ހަމަވިއިރު އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ތިން ފަރާތަކުންނެވެ. އެއީ ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު ވަނީ އިންޓަވިއު ކޮށްފައެވެ. 'ވަން'އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންފައިވަނީ އަބްދުލް ގަނީ އަށެވެ.

ގަނީ މިވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.