މާލޭ ނޯތު ހާބަރަށް އިތުުރުކޮށްފައިވާ ބައިގައި މިހާރުވެސް މަސް ދޯނި ފަހަރުން ބޭނުންކުރާ ސަރަހައްދުން މިހާރެކޭ އެއްގޮތަށް ފީއެއް ނުނަގާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

މާލޭގެ ނޯތު ހާބަރު ބޮޑުކޮށް، އެތަނުގައި ރަޖިސްޓާކުރާ އުޅަނދުފަހަރަށް އެކަނި ހިދުމަތްދޭން ނިންމައި، އެތަނުގައި ބަނދަރުކުރާ އުޅަނދު ފަހަރުން ފީއެއް ނަގަން ނިންމިކަން އެމްޕީއެލުން ވަނީ އިއުލާނުކޮށްފައެވެ.

މިދިޔަ ޖޫން މަހުގައި މާލޭ ސިޓީ ކައުންސިލުން ވަކިކޮށް މާލޭ މަސްމާރުކޭޓް ކުރިމަތިން އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސް ތޮއްޓާ ހަމައަށް އޮތް ބައި ނޯތު ހާބަރާ ގުޅުވާލައި މުޅި ބަނދަރު ހިންގުމުގެ ޒިންމާ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.

އެމްޕީއެލުން މިއަދު ބުނިގޮތުގައި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރުވެސް ނަގާ އުސޫލުން ފީ ނަގާނެއެވެ. ފީގެ ތަފްސީލު:

  • އޭ ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި
  • ބީ ޒޯން އަދި ސީ ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ

އެމްޕީއެލުން ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި، މަސް ދޯނި ފަހަރަށް ކަނޑައަޅާފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ހިދުމަތް ދޭނީ ކިއު ތަރުތީބުންނެވެ. އެ ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށްވެސް ބުންޏެވެ.

އެ ކުންފުނިން އިތުރަށް ބުނީ މަސްވެރިކަން ކުރާ ސަރަހައްދުގައި މިހާރު ދާއިމީ ގޮތަކަށް އެތަނުގައި އަޅާފައިވާ ބިދޭސީން ދިރިއުޅުމަށް ގެދޮރުގެ ގޮތުގައި ބޭނުންކުރާ އަދި ވިޔަފާރިކުރަމުންދާ އުޅަނދުތައް އެތަނުން ނަގައި، މަސްވެރި އުޅަނދުތަކަށް އެކަނި އެ ސަރަހައްދު ބޭނުންކުރެވޭނެ ލުއިފަސޭހަގޮތަކަށް އެތަނަށް ބަދަލު ގެންނާނީ މަސްވެރިންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށެވެ.

އެމްޕީއެލުން ބުނީ އަލަށް ގެންނަ ބަދަލާއެކު ނޯތު ހާބަރުން ކުރިން ހިދުމަތްދިން 32 އުޅަނދުގެ ބަދަލުގައި 54 އުޅަނދަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރުން މަސްވެރިކަން ކުރާ 20 އުޅަނދަށްވެސް އެތަނުން ވަނީ ޖާގަ ހާއްސަކޮށްފައެވެ.

އެހެންކަމުން މުޅި ބަނދަރުން 74 އުޅަނދަށް ޖާގަ ލިބޭނެކަމަށްވެސް އެމްޕީއެލުން ބުންޏެވެ. އޭގެ އިތުރުން ބަނދަރުން ޖާގަ ހޯދުމަށް 25 އުޅަނދުގެ ޖާގަ ހިމެނޭ ވެއިޓިން އޭރިއާއެއްވެސް ވަނީ ހިމަނައިފައެވެ.

އެމްޕީއެލުން ބުނީ ނޯތު ހާބަރުގައި ރަޖިސްޓްރީކުރާ އުޅަނދުފަހަރަށް އެކަނި އެތަނުން ހިދުމަތްދިނުމަށް މިމަހުގެ އެކަކުން ފެށިގެން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ އެކަކުން ފެށިގެން ހާބަރަށް ބަނދަރުކުރާ އުޅަނދު ފަހަރުން ފީއެއް ނަގާނެ ކަމަށްވެސް ބުނެފައިވެއެވެ.