ކުނި ބަރުކޮށްގެން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ދޯންޏެއްގައި ތިބި ތިން މީހުން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކުނި ބަރުކޮށްގެން ކ. ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި "ގުރުވަ 1" ނަމަކަށް ކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ ދޯނި، ނ. ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ރޭ 11:24 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބާކްރާފްޓް އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބާކްރާފްޓަށް ނަގާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާއެކު ފަޅުވެރީން މިއަދު ހެނދުނު 8:45 ހާއިރު ނ. ހޮޅުދުއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.