ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 24 މަޝްރޫއެއް ފެނަކަ އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

އެކަމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީ އާއި ފެނަކަ އަދި އާރްޑީސީއާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމާއެކު ފެނަކައާ ހަވާލުކުރެވުނީ ނ، ރ، ކ، ފ، ތ، ގއ، އަދި ގދ އަތޮޅުގެ ބައެއް ރަށްތަކުގެ 13 މަޝްރޫއެކެވެ. އެއީ ހަތަރު އައުޓްޑޯ ޖިމް، ތިން ފުޓްސަލް ދަނޑު، ދެ ހޭންޑްބޯޅަ ކޯޓު، ދެ އައުޓްޑޯ ވޮލީކޯޓު އަދި ދެ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.

އާރްޑީސީއާ ހަވާލުކުރެވުނު 11 މަޝްރޫއުގެ ތެރޭގައި ހިމެނެނީ ފަސް އައުޓްޑޯ ޖިމް، ތިން ފުޓްބޯޅަ ދަނޑު (ސަބްބޭސް، ޓާފް، ވަށާފާރު، ފެންސް ލައިޓް ހަރުކުރުން)، އެއް ހޭންޑްބޯޅަ ކޯޓު، އެއް ފުޓްސަލް ދަނޑުގެ އިތުރުން ފ. ބިލެތްދޫ ފުޓްބޯޅަ ދަނޑެއްގެ ވަށާފާރު، ފެންސް އަދި ލައިޓް ހަރުކުރުމެވެ. އާރުޑީސީއާ ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ހއ. ރ. ކ. ތ އަދި ލ އަތޮޅުގެ ރަށްތަކުގެ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއުތަކެވެ.