ފަލަސްތީނުގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެ ނުވެވޭ ގޮތް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ދަ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު މިކަން އާއްމު ކުރީ އިއްޔެއެވެ. ފަލަސްތީނު ސަރުކާރާއި އެ ސަރުކާރާ ގުޅިފައިވާ ޖަމާތްތަކަށް މި ފިޔަވަޅު ތަންފީޒުކުރާނެ ކަމަށް އޮފިޝަލު ވިދާޅުވެފައިވެއެވެ.

ފިޔަވަޅު އަޅަން ނިންމާފައިވަނީ ފަލަސްތީން އޮތޯރިޓީ (ޕީއޭ) ގެ އިތުރުން ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އާއި ދެކޮޅަށް ކަމަށް އޮފިޝަލުން ބުނެއެވެ.

ދަ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ފަލަސްތީން އޮތޯރިޓީ (ޕީއޭ) އާއި ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެ ނުވެވޭ ގޮތް ހަދައި ވިސާ ނުދޭން ނިންމައިފައެވެ.

އެެމެރިކާއިން ފަލަސްތީނު ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާފައި މިވަނީ ފަލަސްތީނުގެ ދައުލަތް ގަބޫލުކުރުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން އދ. ގައި ފަލަސްތީނު ދައުލަތާ މެދު ގޮތެއް ނިންމުމަށް މަޝްވަރާވެސް ފަށާފައިވާ ދަނޑިވަޅެއްގައެވެ.