ވަޅިން ބިރު ދައްކައިގެން ފިހާރައަކުން ފައިސާތަކެއް ފޭރުނު މީހަކު 10 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.
މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ހަވީރު އޭނާ ފޭރިފައިވަނީ، މާލެ އިސްކަންދަރު މަގުގައި ހުންނަ ފަރާއޯ ފިހާރައަށް ވަދެ، އެތަނުގެ މީހުންނަށް ވަޅިން ބިރު ދައްކައިގެންނެވެ.
މި މައްސަލައިގައި ދެ ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ.
އެއީ މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ފޭރުމުގެ ދައުވާއެވެ.
މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ހަމަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އޭނާގެ މައްޗަށް ހުކުމްކުރީ، އެ ފިހާރައަށް ވަދެ އެ ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން، ފިހާރައިގައި މަސައްކަތްކުރާ ނޭޕާލް މީހަކު ހުރަސް އެޅުމުން އޭނާއާ ދިމާލަށް ވަޅި ދިއްކުރުމުންނެވެ. އެކަމުގެ ބިރަށް އެ ފިހާރައިގައި މަސައްކަތްކުރަން ތިބި ނޭޕާލުގެ ދެމީހުން ވަނީ ފިހާރައިން ނުކުމެފައެވެ.
އެ އަމަލު ހިންގިކަމަށް ފަވާޒް ކަޅުތުއްތު ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.
އެހެންކަމުން މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އެ ކުށުގެ އަދަބެއްގެ ގޮތުން، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ހަ މަސްދުވަަހަށް ޖަލަށްލުމަށް ހުކުމްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރިއާޔަތްކޮށް ތަހުގީގީ މަރުހަލާއިން ފެށިގެން ހުކުމްކުރުމާ ހަމައަށް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމުން ތަންފީޒު ކުރަން ޖެހޭ އަދަބަކީ ތިންމަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ، ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން ހުރަސްއެޅި ނޭޕާލް މީހާއާ ދިމާލަށް ވަޅި ދިއްކުރުމުން އެކަމުގެ ބިރަށް އެ ފިހާރައިގައި މަސައްކަތްކުރަން ތިބި ނޭޕާލްގެ ދެމީހުން ފިހާރައިން ނުކުތުމުން ކޭޝް ޑްރޯވާ ހުޅުވައި އޭގައިއޮތް 700 ރުފިޔާ ނަގައިގެންގޮސްފައިވާތީއެވެ.
މިކަމަށްވެސް އޭނާ ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.
އެހެންކަމުން ފޭރުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަކަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް