ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ރާއްޖޭގެ މުހައްމަދު ރިހާން ޝިހާމް، މުހައްމަދު އާން ހުސައިން އަދި އަމްނާ ތަޒްކިޔާ މިރުޝާދު އިތުުރު ރެކޯޑުތަކެއް ހަދައިފިއެވެ.
މީގެ ކުރިން ވެސް މިފަހަރުގެ ދުނިޔޭގެ މުބާރާތުގައި ތަޒްކިޔާ ގައުމީ ރެކޯޑު ހަދާފައިވާ އިރު، އޭނާ މިއަދު ހެދި ރެކޯޑަކީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑެވެ. ތަޒްކިޔާ މިއަދު ރެކޯޑު ހަދާފައި ވަނީ އެއް މިނެޓް، 4.04 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ރެކޯޑަކީ ކުރިން އާއިޝަތު އުލްޔާ ޝާއިގު އަތުގައި އޮތް ރެކޯޑެކެވެ. އުލްޔާ ރެކޯޑު ހެދީ ދަ ޔުނިވަރސިޓީ އޮފް ވެސްޓާން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިން ކްލަބު، ކްލަބު ނައިޓް ނަމްބަރު ފަހެއްގައި ވާދަކޮށް، އެއް މިނެޓު، 4.32 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާން އިއްޔެ އާކުރީ އޭނާ އަތުގައި އޮތް ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑެވެ. އާން މިދިޔަ އަހަރު މެލޭޝިއާ މުބާރާތުގައި ރެކޯޑު ހަދާފައި އޮތީ 54.46 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިފަހަރު ދުނިޔޭގެ މުބާރާތުގައި އާން ވަނީ 53.46 ސިކުންތުން ރޭސް ނިންމައިފައެވެ.
ރިހާންވެސް އޭނާ އަތުގައި އޮތް 200 މީޓަރު ބަޓަފްލައި ރެކޯޑު އާކުރި އިރު، މިފަހަރު ރޭސް ނިންމީ، ދެ މިނެޓް، 25.20 ސިކުންތުންނެވެ. ރިހާން ކުރިން ރެކޯޑު ހަދާފައި އޮތީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި ދެ މިނެޓް، 28.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން