މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް ކަނޑައަޅަން، ބިލު އިތުރަށް ދިރާސާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާ ބިލުގެ އެންމެ މުހިންމު އެއް މަގުސަދަކީ މަސްތުވާތަކެތީގެ ނެޓްވޯކުތައް ހުއްޓުވައި، ނެޓްވޯކުތަކުގެ ބޮޑުންގެ މުދާ ހިފެހެއްޓުމެވެ.
"މަސްތުވާތަކެއްޗާ ބެހޭ ގާނޫނު" ގައި މިހާރު އޮންނަގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހެއްގެ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއި 1،000،000 (އެއް މިލިއަން) ރުފިޔާއާއި 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
ހޯމް މިނިސްޓްރީން ތައްޔާރުކޮށް މިދިޔަ އަހަރު އޭޖީ އޮފީހަށް ފޮނުވި ޑްރާފްޓު ބިލެއްގައި ވެސް އެ އަދަބު މަރުގެ އަދަބަށް ބަދަލުކުރާ ގޮތަށް ވަނީ ހިމަނައިފައެވެ. ނަމަވެސް އެއީ ހަމައެކަނި މަސްތުވާތަކެތި އެތެރެކުރާ މީހުންނަށެވެ. މަސްތުވާތަކެތި ވިއްކާ މީހުންގެ އަދަބު މަރުގެ އަދަބަށް ބަދަލުކުރާ ގޮތަށް އޭރު ހިމަނައިފައެއް ނުވެއެވެ.
މިދިޔަ އަހަރު ހޯމްލޭންޑް މިނިސްޓްރީން އޭޖީ އޮފީހަށް ފޮނުވި ޑްރާފްޓު ބިލުގައި ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ ޖަދުވަލު 1ގައި ބަޔާންކޮށްފައިވާ 139 މަސްތުވާތަކެތީގެ ބާވަތުގެ ތެރެއިން ބާވަތެއް، 500 ގްރާމަށްވުރެ ގިނައިން ރާއްޖެއަށް އެތެރެކޮށްފިނަމަ މަރުގެ އަދަބު ދޭ ގޮތަށެވެ.
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު