"ތިޔައީ އަހަރެމެންގެ ރަށު މީހެއް" ފިނި ޖޫސް ފުޅިއެއް ދިއްކޮށްލަމުން އޭނާ ބުންޏެވެ.

"އެއީ ފުދޭ [މި މެހެމާންދާރީއަށް] ސަބަބެއް،" ބަންގްލަދޭޝްގެ މަޝްހޫރު ފޮޓޯގްރާފަރު ޖީއެމްބީ އާކާޝް ރާއްޖެއަށް އަލަށް ކުރި ދަތުރުގެ ތަޖުރިބާ ހިއްސާކުރަމުން އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ.

އެ ޕޯސްޓުގައި އޭނާ ހިއްސާކޮށްފައި ވަނީ ރާއްޖެއިން އޭނާއަށް ލިބުނު ހިތްހެޔޮ މެހެމާންދާރީގެ ވާހަކަ އެވެ. ރިސޯޓު މުވައްޒަފުންގެ ފަރާތުން ނުވަތަ ޓޫރިޒަމް ރެޕްރެޒެންޓޭޓިވުންގެ ފަރާތަކުން ނޫނެވެ. ނަމަވެސް މި ގައުމުގައި "ނުފެންނަ" ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ފަރާތުންނެވެ.

މިހާރު ވަރަށް ބޮޑަށް ވައިރަލްވެފައިވާ އެ ފޭސްބުކް ޕޯސްޓުގައި، އާކާޝްއަށް ރާއްޖެއިން ކުރެވުނު ފުރަތަމަ ތަޖުރިބާ ހިއްސާކޮށްފައިވަނީ ހުދު ދޮންވެލިގަނޑުތައް އޮންނަ ރިސޯޓުތަކާއި ވޯޓާ ވިލާތަކުގެ މަންޒަރަކުން ނޫނެވެ.

އާކާޝް ނަގާފައިވާ ބިދޭސީ މަސައްކަތްތެރިއެއްގެ ފޮޓޯ

ނަމަވެސް މި ގައުމު ހިންގުމުގައި އެންމެ ބުރަކޮށް އުޅޭ ބަންގްލަދޭޝްގެ މަސައްކަތްތެރީންގެ ނަޒަރުންނެވެ.

"އަހަންނަށް ރާއްޖެއަށް އާދެވުނީ ރޭގަނޑުގެ ލަސްވަގުތެއްގަ އެވެ." އޭނާ ލިޔެފައިވެއެވެ.

"މާލެއަށް ދަތުރުކުރި ފެރީގައި، އަހަންނަށް އިވުނީ ރައްޓެހި އަޑެކެވެ. ބަންގްލާ ބަހުން މީހުން ވާހަކަ ދައްކާ އަޑެވެ. ފެރީ ދުއްވަން އިން ކެޕްޓަނާއި އޭނާގެ އެހީތެރިޔާ ވާހަކަ ދައްކަމުން ދިޔައީ އަހަރެންގެ މާދަރީ ބަހުންނެވެ."

"އަހަންނަކީވެސް ބަންގްލަދޭޝް މީހެއް، އެމީހުންނާ ސަލާންކޮށްލަމުން އަހަރެން ބުނީމެވެ."

އޭނާ ބުނެފައިވާ ގޮތުގައި ކުރެވެމުންދިޔަ ބީރައްޓެހިކަމުގެ އިހުސާސްކެނޑެން ފެށި އެވެ. ފެރީން ފޭބުމުން އެންމެ ފުރަތަމަ އޭނާގެ ހިދުމަތަށް އައީވެސް ބިދޭސީ މަސައްކަތްތެރިއެކެވެ. އޭނާ ހުންނަން ހަމަޖެހިފައިވާ ހޮޓަލަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދީ އިތުރު އެހީއެއް ބޭނުންނަމަ ގުޅާން އެދުނީ އެ ބިދޭސީ މަސައްކަތްތެރިޔާ އެވެ.

"ޕެރަޑައިސް"ގެ އެންމެ ބުރަ މަސައްކަތްތެރިން

އާކާޝް ބުނެފައިވާ ގޮތުގައި ރާއްޖޭގައި އެގަައުމުގެ މަސައްކަތްތެރީން އެހާ ގިނަ ކަމެއް ކުރިއަކުން ނޭނގެ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން %57 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖެ އަންނަ ގިނަ ފަތުުރުވެރީންނަށް މިއީ ނުފެންނަ ފަރާތެކެވެ. ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ އައި އާކާޝްގެ ލެންސަށް ފުރަތަމަ އެރީ އޭނާގެ ގައުމުގެ މަސައްކަތްތެރީންގެ ފޮޓޯ އެވެ. ނެގީ ޑޮކިއުމަންޓްކުރަން އޭނާ ސްޓޭޖްކުރި ފޮޓޯތަކެއް ނޫނެވެ. ހަމަ ހަގީގަތުގައިވެސް މިގައުމުގައި ބަންގްލަދޭޝް މަސައްކަތްތެރިން މަސައްކަތް ކުރަމުންދިޔަ މަންޒަރާއި ދިރއުޅެމުން ދިޔަ ތަންތަނެވެ.

ފެރީތަކާއި ބަނދަރުގައި އަދި އިމާރާތްކުރުމާއި، ސާފުކުރުމުގެ މަސައްކަތުގައި އަދި ކެއްކުމާއި މަރާމާތުކުރުމުގައި އުޅުނު އެގައުމުގެ މަސައްކަތްތެރީންގެ ފޮޓޯއެވެ. އަންހެން މަސައްކަތްތެރީންނާއި ފިރިހެން މަސައްކަތްތެރީންނެވެ.

އެމީހުންގެ ތެރެއިން ބައެއް ނިދަނީ އުޅަނދުފަހަރުގަ އެވެ. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެ އެވެ. އެތައް ދުވަހެއް ވާންދެން އާއިލާއާ ދުރުގައި ބުރަކޮށް މަސައްކަތްކުރަނީ އެވެ.

މުޅި ދުނިޔެއަށް ފެންނަމުންދާ "ސުވަރުގޭގެ" ފަރުދާގެ ފުރަގަހުގައި މަސައްކަތްކުރަމުންދިޔަ ބުރަ މަސައްކަތްތެރީންގެ ވާހަކަ އެވެ.

"އަހަރެމެން މިތާ އުޅެނީ އުފަލުގައި. ކުރާނެ މަސައްކަތް އެބަހުރި. ރައްކާތެރިކަން އިހުސާސްވޭ. ގޭގައި މާ ގިނަ ޓެންޝަން." ބަންގްލަދޭޝްގެ ކުމިއްލާއިން އައިސްހުރި ހަބީބް ކިޔާ މަސައްކަތްތެރިޔަކު އަކާޝްއަށް ބުނެފައިވެއެވެ.

އާކާޝް ނަގާފައިވާ ބިދޭސީ މަސައްކަތްތެރިއެއްގެ ފޮޓޯ

"ބައެއް މީހުންނަށް އެމީހުންގެ ދަރިން ނުވަތަ މައިންބަފައިން ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް އެމީހުން ކެތްކުރެއެވެ. އެމީހުން ދުވަނީ މުއްސަނދިކަމެއްގެ ފަހަތަކުން ނޫނެވެ، ދިރިހުރުމުގެ ފަހަތުންނެވެ."

"މިއީ ހަމައެކަނި މަސައްކަތްތެރިންނެއް ނޫނެވެ. އެމީހުންނަކީ ބިނާކުރާ މީހުންނެވެ. އެމީހުންނަކީ ހުވަފެން ދެކި ހަގީގަތަކަށް ހަދަން މަސައްކަތްކުރާ މީހުންނެވެ."

އާކާޝް: އަބަދުވެސް "ގެއްލިފައި" ތިބި މީހުންގެ ވާހަކަތައް ގެނެސްދޭ

ޖީއެމްބީ އަކާޝް މަޝްހޫރުވެފައިވަނީ އިޖްތިމާއީ ތަފާތުކުރުންތަކުގެ ތެރޭގައި އުޅޭ މީހުންގެ ވާހަކަތައް ގެނެސްދޭ ފޮޓޯގްރާފަރެއްގެ ގޮތުގައެވެ. އޭގެތެރޭގައި މަސައްކަތްތެރި ކުޑަކުދީންނާ ހިސާބުން ފެށިގެން އުމުރުން ދުވަސްވީ ރިކްޝާ ދުއްވާ މީހުންނާއި ފަގީރު ނިކަމެތިންގެ ވާހަކަ އޭނާ ގެނެސްދެ އެވެ. އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދީ އެހީތެރިވެދެ އެވެ.

ރާއްޖެއަށް ކުރި ދަތުރުގެ ވާހަކަވެސް އޭނާ ކިޔައިދީފައިވަނީ އޭނާ ސާދާކަމާއި އިހުތިރާމާއެކީ އެވެ.

އާކާޝް ނަގާފައިވާ ބިދޭސީ މަސައްކަތްތެރިއެއްގެ ފޮޓޯ

"ދަތުރުވެރިންގެ ގައިޑްތަކުން މިމީހުންގެ ނަންތަކެއް ނުފެންނާނެއެވެ،" އާކާޝް ބުނެފައިވެއެވެ.

"ނަމަވެސް އެމީހުން ނެތްނަމަ، މި ސުވަރުގެ ވުޖޫދަކަށް ނާންނާނެއެވެ."

އާކާޝްގެ މި ޕޯސްޓު ހަނދާންކޮށްދެނީ ބިދޭސީ މަސައްކަތްތެރިންގެ އަގު މަދު ފަހަރަކު މެނުވީ ވަޒަން ނުކުރެވޭ ކަމެވެ. ގައުމު ހިންގުމުގައި އެމީހުންނަކީ ކޮންމެހެން ބޭނުން ބައެކެވެ، ނަމަވެސް "ނުފެނި ގެއްލިފައި" ތިބި ބައެކެވެ.