އަންނަ އޮކްޓޫބަރު 24ގައި ބާއްވާ ދިރާގު ރޯޑް ރޭސް (ޑީއެމްއާރްއާރް)ގައި މުޅިން އާ ރޫޓެއް ހިމަނާފައިވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މިއަދު ބުނިގޮތުގައި މިއީ އެ ދުވުމުގައި ބައިވެރިވާ ދުވުންތެރިންނަށް އިތުރު ތަޖުރިބާ ހޯދައިދިނުމަށް ތައާރަފްކޮށްފައިވާ ރޫޓެކެވެ.
''މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް މި އަހަރު މުޅިން އާ ރޫޓެއް ތައާރަފު ކުރުމަށް ވަނީ ހަމަޖެހިފައި. މި ރޫޓަކީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ސަޓިފައި ކޮށްފައިވާ ރޫޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ދުވުމުގައި ވެސް ކޯޕަރޭޓް ޓީމް ކެޓަގަރީގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވުން. އަދި، އަޅުގަނޑުމެންގެ އަމާޒަކީ ޑީއެމްއާރްއާރް މެދުވެރިކޮށް ވާދަވެރި ދުވުމާއި ގިނަ މީހުންގެ ބައިވެރިވުން ހިމެނޭގޮތަށް ދުވުމުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން،" ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވިއެވެ.
އެ ދުވުމުގައި ބައިވެރިވެ ރަޖިސްޓްރީވުމުގެ ފުުރުސަތު މިހާރުވަނީ ހުޅުވާލައިފައެވެ. 4000 ބައިވެރިންގެ ލިމިޓް ހަމަވަންދެން މި އިވެންޓްގައި ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮންނާނެ ކަމަށް ދިރާގުން ބުންޏެވެ.
އެ ދުވުމުގެ 16 ވަނަ އެޑިޝަން އޮންނާނީ އޮކްޓޫބަރު 24ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދިރާގުން ބުނި ގޮތުގައި އެ ދުވުމުގައި ބައިވެރިވެ ވަނަތައް ހޯދާ ފަރާތްތަކަށް މި އަހަރު ވެސް ބޮޑެތި ފައިސާގެ އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ދިރާގު ރޯޑު ރޭހުގައި ކަނޑައަޅާފައިވާ ކެޓަގަރީތައް:
- ހާފް މެރެތަން، 10 ކިލޯމީޓަރު
- 5 ކިލޯމީޓަރު ކެޓެގަރީ
- 5 ކިލޯމީޓަރ ކޯޕަރޭޓް ޓީމް ކެޓަގަރީ؛ މީގައި އޮފީސް/ރިޒޯޓުތަކުން ހަތަރު މީހުންގެ ޓީމުތައް ހަދައިގެން ބައިވެރިވެވޭނެ
މި ދުވުމުގައި ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކަށް www.dmrr.mv މެދުވެރިކޮށް މިހާރު ރަޖިސްޓަ ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ދިރާގުން ބުނިގޮތުގައި ދިރާގުގެ މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާތަކުން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ނިންމައިފައެވެ. އޭގެއިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ.
އާއިޝަތު މާހާ
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް