ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އާއި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާ ގުޅިގެން، ކ. ގުރައިދޫގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން، (ރީއިންޓާގްރޭޓް) މުޖުތަމައުއަށް އަހުލުވެރިކުރުމުގެ ޕްރޮގުރާމެއް ކުރިއަށްގެންގޮސްފިއެވެ.
އެޗްޑީސީން ބުނީ އެ ހަރަކާތަކީ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، އެޗްޕީއެސްއެންގައި ދިރިއުޅޭ ފަރާތްތައް އަނބުރާ މުޖްތަމައުއަށް ދޫކޮށްލުމުގެ ކުރިން، އެމީހުން މުޖްތަމައުއަށް އަހުލުވެރި ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް، އެޗްޑީސީގެ ފަރާތުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެގޮތުން، ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ 17 ފަރާތެއް ހުޅުމާލެއަށް ގެނެސް، އެމީހުންނަށް ހުޅުމާލެ ދައްކާލައި، ބެލެނިވެރިކަމުގެ ދަށުން އާންމު ދިރިއުޅުމުގައި ބައިވެރިވެ، އެކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިއަދު ފަހިކޮށްދީފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތައް މިއަދު ހުޅުމާލެ ގެނެސް، މުޅި ހުޅުމާލެ ދައްކާލުމަށް ޓުއާއެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އާއިލީ މާހައުލެއްގައި ކެއުމުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމުގެ ގޮތުން ހުޅުމާލޭގައި ދިރިއުޅޭ ބައެއް އާއިލާތަކާއެކު ދުވަހުގެ މެންދުރު ކެއުން ވަނީ ކުރިއަށްގެންގޮސްފައެވެ.
އެއާއެކު އާންމުންނާ އެކުގައި، ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތުވެސް އެމީހުންނަށް މި ދަތުރުގެ ތެރެއިން ފަހިކޮށްދީފައެވެ. މުޅި ދުވަސް އެއްކޮށް ނިންމާލީ ހަވީރުގެ ސަޔާއެކު، ސެންޓްރަލް ޕާކުގައި އެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ ހަރަކާތްތަކާއެކުގައެވެ. އަދި މިނިވަންދުވަހަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ފުޅަނދުތައް ބަލައިލުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
އެ ދަތުރު ނިންމާލީ އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން މިވަގުތު މަރުކަޒުގައި ތިބި ފަރާތްތަކަށް ޒަރޫރީ ބައެއް ސާމާނު ހަދިޔާކުރުމާ އެކުގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅޭ ފަރާތްތައް މިއަދު ހުޅުމާލެއަށް ކުރި ޒިޔާރާތުގެ ކުރިން، ހެލްތު މިނިސްޓްރީގެ މެންޓަލް ހެލްތު ޑިޕާޓްމެންޓްގެ ބޭފުޅުންނާއެކު އެޗްޑީސީގެ މުވައްޒަފުން އަދި މެނޭޖްމަންޓުން މިދިޔަ ހަފުތާގައި ގުރައިދޫ މަރުކަޒުގެ ހާލަތު ބެލި ކަމަށެވެ.
އެޗްޑީސީއަކީ މުޖުތަމައުއަށް ފައިދާހުރި އެފަދަ ގިނަ ޕްރޮގުރާމުތައް އިސްވެ ހިންގައި، އެހީތެރިވެދޭ ކުންފުންޏެއްކަން ފާހަގަކޮށްލެވެއެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ