ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އިއްޔެ އެރުވި، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

ސޯބިރުގެ މޫނު ދެއްކުމަށްފަހު އަސްރު ނަމާދަށްފަހު ކަށުނަމާދު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގައެވެ.

ސޯބިރުގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމީ އިއްޒަތުގައި ސޯބިރު ފަސްދާނުލާފައިވަނީ ގަލޮޅު ސަހަރާގައެވެ.

ސޯބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އާލަންކަންފުޅަށް ފަރުވާ ހޯދަވަމުން ގެންވަނިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.

ސޯބިރު އަވަހާރަވުމުގެ ހިތާމައިގައި ކުރިއަށް އޮތް ތިން ދުވަހަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް މިއަދު ވަނީ ނިންމަވައިފައެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯބިރަކީ މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ދާއިރާއަށް ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.

"ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރަން. އެމަނިކުފާނަކީ، ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް،" ރައީސް ވިދާޅުވިއެވެ.

ސޯބިރު ދިގު މުއްދަތަކަށް ދައުލަތަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް، ދިވެހި ދައުލަތުން ދޭ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު އޭނާއަށް ރައީސް މުއިއްޒު އެރުވީ އިއްޔެ ބޭއްވި 60 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ހަސަން ސޯބިރަކީ އިގުތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވާންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަން ހިމެނެއެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމާއި ހިންގެވުމުގައްޔާއި ހާރިޖީ ދާއިރާގައި އޭނާ ކުރައްވާފައިވާ ހިދުމަތްތައް ފާހަގަކޮށްލެވެއެވެ.

ސޯބިރު، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ފެބުރުއަރީ 7، 1973 ގައެވެ. އެ މަނިކުފާނުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ނެޝަނަލް ޕްލޭނިން އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނެޝަނަލް ޕްލޭނިން އޭޖެންސީ އުވާލައްވައި، ނޮވެމްބަރު 10، 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައްވެސް ސޯބިރު ފުރުއްވިއެވެ.

ނޮވެމްބަރު 11، 1993 ގައި، ރައީސް މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ ހަތަރުވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަން ކުރެއްވީ ހަސަން ސޯބިރެވެ. ރައީސް މައުމޫންގެ ރިޔާސީ ފަސްވަނަ ދައުރުގެ ކެބިނެޓުގައިވެސް ހަސަން ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވިއެވެ.

ސޯބިރުގެ ހިދުމަތް، އޭގެފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އޭނާ އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ވެސް ހިމެނެއެވެ.